ހިޔަލަ ވީކެންޑް މާކެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ.
މި ލޯނުގެ އިތުރުން ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެކަން ހާސިލުވުމަކީ އަންހެން ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
އަދި މިކަމުގެ މަންފާ ކުރާނީ އަންހެން ވިޔަފާރިވެރިންނަށް ނޫން ކަމަށާއި އެ އާއިލާތަކުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ވެސް ލިބޭ ފަހި ކުރިމަގަކަށް އަދި ފުއްދުންތެރިކަމަކަށް އިތުރުކުރެވޭ އާ މަގަކަށް މިކަން ވެގެން ދާނެކަމަށް މިނިސްޓަރު ސިފަކުރެއްވެވި އެވެ.
ފުދުންތެރިކަމަކީ އަބުރުވެރިކަމަށް މުހިންމު އެއް ކަންތައް ކަމުގެ އިތުރުން މިނިސްޓަރު ވަނީ ބައިނަލްއަގްވާމީ ރިސާޗުތަކުން ވެސް ދައްކަނީ އާއިލާއެއްގައި ހުންނަ އަންހެނަކީ ފުއްދުންތެރި މީހަކަށް ވުމުން އެކަމުގެ އުފާވެރިކަން މުޅި އާއިލާއަށް ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސް ޑރ މުއިއްޒު މުހިއްމު ދެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވައި ފުރުސަތުތަކުގެ ބޭނުން ވީހާ ވެސް ގިނަ އަންހެނުން ހިފުމަށް މިނިސްޓަރު އެދިވަނޑައިގެންނެވި އެވެ.