މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރެސްކިޔު ޑައިވާ ތަމްރީނު ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތަކީ މަޑަވެލީގައި ކުރިއަށް ގެންގޮސްފައިވާ ރަސްމިއްޔާތެކެވެ.
މަސްވެރިކަމުގެ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ތެރޭގައި ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެއް ކަމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ދަތިތައް އެނގިވަޑައިގެންހުރެ ކަމަށާއި އަދި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާއި ރައީސް ހަވާލުވެވަޑައިގެންނެވީ ހުރި ދަތިތައް އެނގިވަޑައިގެން ހުރެ ކަމަށެވެ. ވުމާއެކު އެ ކަންކަން ހައްލު ކުރުމުގެ މަސައްކަތް ރެއާދުވާލު ކުރައްވާ ކަމަށާއި މަސްވެރިން ކިރާފައި ލިބޭ ފައިސާކޮޅު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމު ވަރަށް އަވަހަށް ރައީސް ހަމަޖައްސަވާކަމުގެ ޔަގީންކަން މިނިސްޓަރަށް އެބަ އޮތްކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތްތަކާ ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ވަގުތުން ވަގުތަށް މަސްވެރިންނަށް ފައިސާ ދިނުމުގައި މިވަގުތު ދަތިތަކެއް ހުރި ނަމަވެސް އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ވެސް މިނިސްޓަރު ފާހަގަކޮށްލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިއިރު ދައުލަތުން މަސްވެރިންނަށް ދަރާފައި އޮތް ފައިސާގެ ތެރެއިން 136 މިލިއަނަށް ވުރެ ގިނަ ފައިސާ މިހާތަނަށް ވަނީ ޖަމާކޮށްދީފަ އެވެ.