ads
އީީސީގެ ރައީސް ފުއާދު ތައުފީގު
ވޯޓުލާ އަދަދު މަދުވަނީ ޑިމޮކްރަސީއަށް އޮތް ޝައުގު ކުޑަވާތީ: ފުއާދު
އިންތިހާބު ތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން، ރައްޔިތުންގެ މެދުގައި ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަން ދޭހަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، އެއް އިންތިހާބަށް ވުރެ އަނެއް އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވަމުންދާކަން އީސީއަށް ފާހަގަ ކުރެވޭ ކަމަށެވެ.

އެ މައްސަލައާ ކަންބޮޑުވުން ފާޅު ކުރައްވަމުން ފުއާދު ވިދާޅުވީ، ރައްޔިތުންގެ މެދުގައި ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދިއުމަކީ އެކަމުގެ ސަބަބެއް ކަމަށެވެ.

"އެއީ ދެން ވަރަށް ދެރަކަމެއް އެނގޭތޯ، ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް، ދެން އޭގެން މި ދޭހަ ކޮށްދެނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާކަމޭ ވެސް ދެންނެވިދާނެ" ފުއާދު ވިދާޅުވި އެވެ.

ވޯޓުލާ މީހުންގެ އަދަދު މަދުވުމުގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އީސީން މަސައްކަތް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ވޯޓުލާ ވަގުތާ ގުޅޭގޮތުން އަންނަ ހަފުތާގައި ގައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކޮށް، ރަނގަޅު ގަޑިއެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ކިޔުގައި ޖެހޭ ވަގުތު މަދުކުރުމަށް ވޯޓުފޮށިތަކުގެ އަދަދު އިތުރު ކުރުމަށް އީސީން ނިންމާފަ އެވެ. އަދި އެ އިންތިހާބުގައި ކޮންމެ ފޮށްޓަކަށް ވޯޓު ލެވޭނީ ގިނަވެގެން 600 މީހުންނަށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން އިންތިހާބުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމުގެ މަސައްކަތް އީސީން ކުރަމުންދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގައި 54،680 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިނު ކަމުގައި ވިއަސް، ވޯޓު ލާފައިވަނީ އޭގެތެރެއިން އެންމެ 31.8 އިންސައްތަ މީހުންނެވެ. އެ އިންތިހާބުގައި ޖުމްލަ 17،410 މީހުން ވޯޓު ލާފައިވާއިރު އޭގެތެރެއިން 402 ވޯޓު ގުނާފައިވަނީ ބާތިލް ވޯޓުގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް