ads
ނަމާދު ޕްރޮގްރާމްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ދާންދޫ ކައުންސިލުން ނިންމައިފި
ނަމާދަށް އަހުލުވެރި އާ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން "ނަމާދު ޕްރޮގްރާމް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ދާންދޫ ކައުންސިލުން ނިންމައިފި އެވެ.
Advertisement

މި ޕްރޮގްރާމަކީ އެ ކައުންސިލުން ކުރިއަށް ގެންދާ ނަމާދަށް އަހުލުވެރި އާ ޖީލެއް ބިނާކުރުން މި މައުލޫގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ޒިކުރާ އިންޓަަރނޭޝަނަލް ކޮލެޖާއި ގުޅިގެންކަމަށް ދާންދޫ ކައުންސިލުން ބުނެއެވެ.

13 އަހަރާއި 14 އަހަރުގެ ކުދިންނަށް ހާއްސަ ކުރާ މި ޕްރޮގްރާމް ގެ މުއްދަތަކީ 15 ދުވަހެވެ. ފެބްރުއަރީ 7 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ 14:00 އެވެ.

މި ޕްރޮގްރާމްގައި ނަމާދު އަދި ރަވާތިބު ސުންނަތްތައް ވެސް ކިޔާދޭނެ އެވެ.

ނަމާދު ޕްރޮގްރާމްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު މިކުރަނީ ނަމާދަށް އަހުލުވެރި ޖީލެއް ބިނާކުރުން، މި މައުލޫގެ ދަށުން ނަމާދު އަދި ރަވާތިބު ސުންނަތްތަކާ އަދި ނަމާދުގައި ކިޔާނެ ތަކެއްޗާއި އަދި ނަމާދު ކުރާނެ ގޮތާއި ނަމާދުގެ މާތްކަން އިތުރަށް ދަސްކޮށްދޭން" ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ކައުންސިލް އެގްޒެކެޓިވް މުހަންމަދު އަލީ ވިދާޅުވި އެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވުމަށް ބޭނުންފުޅުވާ އެ އުމުރުފުރާގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 7830720 އަށް ގުޅާލުމުން ލިބޭނެ ކަމަށް ވެސް ދާންދޫ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން މި ކޯސް ކުރިއަށް ދާއިރު ޖަމާއަތްތެރިކަމުގެ ކޯހެއްވެސް ކުރިއަށް ދާނެކަމަށް އެ ކައުންސިލުން ބުނެ އެވެ.

"މި ޕްރޮގްރާމް ކުރިއަށް ދާއިރު އޭގެ އިތުރުން އެބަ ކުރިއަށް ގެންދަން ފެބްރުއަރީ 6 އަކުން ފެށިގެން ޖަމާއަތްތެރިކަމުގެ ކޯހެއް، ޖަމާއަތްތެރިކަމުގެ ކޯހަކީ އެނގިވަޑައިގަންނަވާނެ މިހާރު ރަށްރަށުގައި ޖަމާއަތްތެރިކަން ކުރުމަށް ހާއްސަ ގޮތެއްގައި ތިބެނީ އުމުރުން ދުވަސްވީ ބޭފުޅުން. ދެން އެ ބޭބޭފުޅުން އެ މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެ، ގައިވެސް ބާރު ދަށް ވެފައި އެބޭފުޅުން ތިއްބަވާނީ. އެހެންވީމާ ޒުވާނުން މީގެތެރެއަށް ނެރުމަށް އަޅުގަނޑުމެން އަމާޒު ހިފައިގެން އިއުލާނު ކޮށްގެން ގާތްގަނޑަކަށް 26 ބައިވެރިން ލިބިއްޖެ" އަލީ ވިދާޅުވި އެވެ.

ޖަމާއަތްތެރިކަމުގެ ކޯހުގައި ދާންދޫގެ އިތުރުން ނިލަންދޫ، ދެއްވަދޫ އަދި ކޮންޑޭ މި ތިންރަށަށް ވެސް ކޮންމެ ރަށަކުން 2 ކުއްޖަކަށް ބައިވެރިވެވޭނެ ކަމަށާއި އަދި އެ އަންނަ ކުދިންގެ ހުރުމާއި ކެއުން ހިލޭ ކައުންސިލުން ހަމަޖައްސައިދޭނެ އެވެ.

މި ސަރުކާރުން ވެސް ރާއްޖޭގައި ދީނީ ކަންކަމަށް ފަރުވާތެރި ޖީލެއް ބިނާ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އަންނަ ފެބްރުއަރީ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއު ފާހަގަ ކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް