އެ މީހަކު ސަޕޯޓު ކުރާ ޕާޓީއަކުން ކަމެއްކޮށްފި ނަމަ އެކަމަކީ ކިތަންމެ ގެއްލުން ހުރި ކަމެއް ނަމަވެސް އެ މީހަކަށް ވިސްނިފައި އޮންނާނީ އެއީ ހަމަ އެންމެ ރަނގަޅު އެންމެ މޮޅުކަމެއްގެ ގޮތުގައި އެވެ. ނަމަވެސް އެ މީހަކު ތާއިދު ކުރާ ޕާޓީ ނޫން އެހެން ޕާޓީ އަކުން ކަމެއް ކުރުމުން އެކަމަކީ ކިތަންމެ ގައުމަށް ފައިދާ ހުރި ކަމެއް ކަމުގައި ވިޔަސް ނުވަތަ ކިތަންމެ މޮޅު ކަމެއް ވިޔަސް އެ މީހާ ބުނާނީ އެ ކަމަކީ ކަޑަ ނުވަތަ ހަޑިކަމެއްކަމަށެވެ.
މި ސިޔާސީ ވިސްނުންތަކުގެ ސަބަބުން ގައުމަށް ލިބެން އޮތް ކިތަންމެ ބޮޑެތި ތަރައްގީތަކެއް އޮޔާ ގޮސްފައިވާކަމީ އެންމެންވެސް ގަބޫލުކުރަން ޖެހޭ "ހިތި" ނަމަވެސް ހަގީގަތެވެ. މީހުން ވޯޓުލާއިރު ވެސް ގައުމަށް ނުވަތަ ދާއިރާއަށް އެންމެ ރަނގަޅީ ކޮން ގޮތެއްތޯ ބެލުމުގެ ބަދަލު ގިނަ ފަހަރަށް ބަލާލެވެނީ އެ މީހުންގެ ފިކުރުގެ ކުލައިން ނެރެފައި ހުރީ ކާކުތޯ އެވެ. އެމީހުން ސަޕޯޓުކުރާ ކުލައިން "މީދަލެއް" ނުވަތަ "ބުޅަލެއް" ނެރެން ވާހަކަ ދެކެވުނަސް އެއީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ނިންމާލެވޭ ފަހަރު ދަނީ މަދަކުން ނޫނެވެ.
އެމީހުންގެ ސަޕޯޓުކުރާ ޕާޓީ ނޫން އަނެއް ޕާޓީއިން ކިތަންމެ ކިޔަވައިގެން އަދި ދާއިރާ އަށް ކިތަންމެ ކުރިއެރެމެއް ގެނެސްދެވޭނެ ގާބިލުކަން ހުރި މީހަކު ނެރެފައި ހުރިނަމަވެސް އެ މީހާ އަކީ އެއްވެސް ކަހަލަ އޮށްޓަރެއް ހުރި މީހެއް ނޫންކަމަށް ނިންމާ އެ މީހާއާއި ދެކޮޅަށް ނިކުތުން މީ ހަމަ އާންމުކަމެއްކަމަށް ފާހަގަ ކޮށްލަން ޖެހެ އެވެ.
ބައެއްފަހަރު އެމީހާ ކުރިން އެންމެ ގާބިލް އަދި ކުޅަދާނަކަމަށް ބުނެ ދައުވަކުރަމުން އައި ކެނޑިޑޭޓްގެ ވިސްނުން ބަދަލުވުމާއި އެކު އެ ކެނޑިޑޭޓަކީ އެއްވެސް އޮއްޓަރެއް ނެތް ކެންޑިޑޭޓަކަށް ވެގެން ދާތަން ފެންނަނީ މަދަކުންވެސް ނޫނެވެ.
ދިވެހިންގެ މި ވިސްނުން ބަދަލުކޮށް ދާއިރާއަށް ނުވަތަ ގައުމަށް އެންމެ ފައިދާ ހުރި ކެންޑިޑޭޓަކަށް ވޯޓުލުން މާރަނގަޅުވާނެކަމަށް އަޅުގަނޑަށް ހީވެއެވެ. މި ފަދައިން އަމަލުކޮށްފި ނަމަ ދިވެހި ރާއްޖެއަށް ނުވަތަ ދާއިރާ ތަރައްގީވެގެންދާ ދުވެލި އަވަސްވެ ދިރިއުޅުމަށް ދިމާވެފައިވާ ދަތި އުދަނގޫތަކަށް ހައްލުލިބިގެންދާނެކަމީ ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތެވެ.
ރާއްޖޭގެ ސިޔާސީ މަސައްކަތުގެ މިސްރާބު މިހާރު މިހުރީ ޕާޓީ މީހާ ކުރީމަ "ސަޅި" އަނެއްބަޔަކު ކުރީމަ "ކަޑަ" ވާ ސިނާރިއޯ ގައި އެވެ. ނަތީޖާއަކީ އިންސާފުގެ މައްޗަށް ނާއިންސާފު ކުރި ހޯދުމެވެ.