ads
ވިލިނގިލީ ކުއްޖާ ނިޔާވި މައްސަލަ މަޖިލިހަށް ހުށަހަޅާނަން: ސައުދު
މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަ ވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ މިއަދު ނިޔާވީ ސަރުކާރުގެ އިހުމާލުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
Advertisement

މެންބަރު ސައުދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވިލިނގިލީ ރައްޔިތުންނަށް ހިތްދަތި ދުވަހެއް ކަމަށާއި، ސަރުކާރުން ދިވެހި ރައްޔިތުންނާމެދު ފަރުވާކުޑަކޮށް އިހުމާލުވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭން ލިބެންހުރި ވަސީލަތެެއް ބޭނުންނުކުރުމުގެ ސަބަބުން ވިލިނގިލީގެ ޒުވާން ދަރިއަކު އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސައުދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ހާލަތެއް ދިމާވިޔަސް ވަރިހަމަ ކޮއްފަވާ އަދި ރައްޔިތުންނަށް އިހްމާލު ވަމުންދާކަން ފާހަގަވޭ. މިއީ ދޫކޮއްލައިގެން ތިބެވޭވަރަށްވުރެ ސިރިއަސް މައްސަލައެއް،" ސައުދު ވިދާޅުވި އެވެ.

އެހެންކަމުން އެކަން ލަސްވުމާ ގުޅިގެން މިއަދު ވިލިނގިލީ ކުއްޖަކު ނިޔާވި ހާދިސާއަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އެފަދަ ހާދިސާތަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށް ސައުދު ވިދާޅުވި އެވެ.

މީގެއިތުރުން މިދިޔަ މަހު އިހި ނަގަން އުޅުމުގެ ތެރޭގައި އައްޑޫއިން ޒުވާނަކު ގެއްލުނު ހާދިސާއަށް ވެސް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ މި ދެ މަރަކީ ވެސް އިންޑިއާ އައުޓް ކެމްޕެއިނުގެ ނަތީޖާ ކަމަށެވެ. 

"އިއްޔެ އައްޑޫގެ ޒުވާން ދަރިއެއް، މިއަދު ވިލިނގިލީގެ ޒުވާން ދަރިއެއް، މަަދަމާ ކޮން ރަށެއްގެ ކާކުބާ؟ އިންޑިޔާ އައުޓްގެ ނަމުގައި ގައުމުގައި ހިންގި ދޮގާއި އޮލުވާލުމުގެ ޝިކާރަޔަކަށް ދިވެހި ރައްޔިތުން ވަމުންދާތަން މިފެންނަނީ،" ސައުދު ވިދާޅުވި އެވެ.

އައްޑޫ ޒުވާނާ ހޯދުމަށާއި ވިލިނގިލިން ހާލު ދެރަވި ކުއްޖާ މާލެ ގެނައުމަށް ޑޯނިއާ ބޭނުން ނުކުރީ އިންޑިއާއާމެދު އޮތް ނުރުހުމެއްގެ ސަބަބުން ކަމަށް ބުނެ، އިދޮޅު ފަރާތް ތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަލިހާލު ބޮޑުވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މިއަދު ހެނދުނު 11:30 ހާއިރު ވަނީ ނިޔާވެފައެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނައީ ސްޓްރޯކެއް ޖެހިގެންނެވެ. ބުދަ ދުވަހުގެ ރޭ ހާލުދެރަ ވެގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެވުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ވިލިނގިލީ ރައްޔިތުން ވަނީ އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް