މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ ތުއްތު ކަމަނަ ސިލްސިލާ އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހީން ދިވެހި ބަހުން ރަނގަޅަށް މުއާމަލާތްކޮށް އުޅުނުއިރު ދިވެހީން އުފެއްދި އުފެއްދުންތައް މާ މޮޅުވެފައި ފުރިހަމަ ކަމުގައެވެ.
ރައީސް ޑރ. މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ކުރެވޭނެ މަސައްކަތަކީ ދިވެހީންނަށް ދިވެހިންގެ އަސްލުތައް ބުނެދިނުމާއި، ދިވެހީންނަކީ ކިހާ އަގެއްހުރި ބައެއްކަމާއި ކިހާ ފަންނުވެރި ބައެއްކަން ބުނެދިނުން ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ދިވެހިޤައުމިއްޔަތުގެ ސިޔާސަތުގެ ދަށުން ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށްޓަކައި އަމިއްލަ ބަހުން ވިސްނައި ޖީލެއް އުފަންކުރުވުމުގެ މުހިންމުކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
އިފްތިތާހް ކުރެވިގެންދިޔަ ތުއްތު ކަމަނަ ސީރީސް އަކީ ކިތަންމެ ކުޑަކޮށް ފެންނަން އޮތް މަސައްކަތެއް ނަމަވެސް ގައުމީ ނިސްބަތުގައި ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށާއި މިފަދަ މަސައްކަތްތަކަށް ޝައުގުވެރިވެވަޑައިގަންނަވާ އެހެން ފަރާތްތަކުންވެސް މިކަހަލަ ކަންކަމުން ހިތްވަރު ހޯއްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފަ އެވެ.
"މިފަދަ މަސައްކަތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތެރެއިން މިހާރަށްވުރެވެސް ބޮޑަށް ތަރުޙީބު ދެވޭނޭ އިންތިޒާމުތައް ހަމަޖައްސައިދޭނަން.." މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.
ތުއްތު ކަމަނަ ސިލްސިލާ އަކީ އަލްފާލިލާ ޝިމްލާ އަހުމަދު ގެ މިންނެތް މަސައްކަތެވެ. މި މަސައްކަތުގެ މަގުސަދަކީ ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސައި، ދިވެހިބަހަކީ އެކުދިން ޝައުޤުވެރިވާ ބަހެއްގެ ގޮތުގައި ހެދުމާއި ތުއްތު ކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ދިވެހިބަސް ދަސްކޮށްދިނުމެވެ.
ސަރުކާރުން ގަބޫލު ކުރާ ފެންވަރަށް ކުޑަކުދިންގެ ފޮތް ތައްޔާރުކުރާ ފަރާތްތަކަށް ދެއްވާ އިނާމު 2004 ވަނަ އަހަރު ލިބިފައިވާ ޝިމްލާ އަކީ މީގެ ކުރިންވެސް ދިވެހިބަހުން ކުޑަކުދިންނަށް ހާއްސަ ފޮތް ތައްޔާރުކުރައްވާފައިވާ ފަރާތެއްކަން ފާހަގަކުރެވެ އެވެ.