ads
އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު
ސީލައިފް އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސީލައިފްކ ފްލެޓްތަކަށް ފައިސާ ނެގުމަށް ފަހު، ފްލެޓާއި ފައިސާ ވެސް ނުދިން މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވަނިކޮށް އެ އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރީ މިއަދު އެވެ.

ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމީ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ. ހައިކޯޓުގައި މި މައްސަލަ ބެލިއިރު ފަނޑިޔާރުންގެ ހިޔާލު ތަފާތުވިއެވެ. ހައިކޯޓުގައި ފަނޑިޔާރު މަޒީދު ނިންމަވާފައިވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލީ ގޯސްކޮށް ކަމަށެވެ. އެކަމަކު އެ މައްސަލައިގައި ދެން ހިމެނުނު ފަނޑިޔާރު ފަރުހީޒާ އަދި ފަނޑިޔާރު ޝަނީޒް ނިންމެވީ އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.

ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. މިދިޔަ ޑިސެމްބަރު މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތު ހަމަވެފައިވަނިކޮށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަންމަޓީ މީގެ ކުރިން ފިލައިގެން ގޮސްފައިވާއިރު އެ އިހުތިމާލު އޮތުމުގެ ހާލަތަށް ބަދަލެއް އައި ކަން ފެންނަން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނީ ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތެއް ވެސް ސާފު ނުވާ ކަމަށެވެ. ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ފުރައިގެން ދިޔުމުގެ ހުއްދަ ދޭން ވާނީ، ޕާސްޕޯޓް ދޫކޮށްލުމުގެ ބަދަލުގައި، އޭނާއަށް ފިލައިގެން ނުދެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު އެ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް