ބިންވެރިންގެ ސައްލާގެ ނަމުގައި 4 ޖަމިއްޔާއެއް ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން އަބްދުﷲ ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުން ފުރަތަމަ ގޯތިތައް ދިން އިރު އެ ތަނުގެ ތަފުސީލީ ލޭންޑް ޔޫސް ޕްލޭނެއް ހަދާފައި ނެތް ކަމަށާއި ގުޅިފަޅުގެ އެލްޔޫޕީގެ 10 ވަރަކަށް ޕަސެންޓުގައި މައްސަލައެއް އުޅޭތީ މިހާރު ކުރަނީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމުގައެވެ.
މިހަފްތާ ތެރޭގައި ރައްޔިތުންނާއި ހަމައަށް މި ދެ ރަށު އެލްޔޫޕީ ގެނެސްދެވޭނެ ކަމަށާއި ގިރާވަރުގެ އެލްޔޫޕީގެ މަސައްކަތް ކުރަމުން އަންނަނީ ގުޅިފަޅު ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން އިތުރަށް ހިއްކާ ބިމާއި އިތުރަށް ގިރާވަރުން ހިއްކާ ބިން ވެސް ހިމަނައިގެން ކަމަށް ދިލްޝާން ފާހަގަ ކުރެއްވިއެވެ.
ގިރާވަރު ލޭންޑް ޔޫސް ޕްލެން ހެދުމުގައި ބިންވެރިންގެ ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދީފައިވާ ކަމަށް އެ ޖަމިއްޔާތަކުން ރޭ ވަނީ ބުނެފަ އެވެ.
ރޭގެ ބައްދަލުވުން ބޭއްވީ ގިރާވަރު މާލެ ސިޓިޝަން އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެންނެވެ.
ސަލްޓަން ޕާކްގައި ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ރައީސްގެ ހާއްސަ މެސެޖެއް ދެއްވަމުން ވިދާޅުވީ ކުރީ ސަރުކާރުން ފަށްޓަވާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަކަމަށެވެ.
އެގޮތުން ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފިރުޒުލް ވިދާޅުވި އެވެ.