ads
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ!
މި ހިނގާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް ދޫކުރަން ނިންމާފައިވާ 44 މިލިއަން ރުފިޔާ ބެހިފައިވާ ގޮތުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަން (‏އީސީ) އިން އާންމުކޮށްފި އެވެ.

އިީސީން މިއަދު އާންމުކޮށްފައިވާ މައުލޫމާތު ތަކުން ދައްކާ ގޮތުގައި، އެ ކޮމިޝަންގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ޕާޓީތަކުގެ ތެރެއިން މި އަހަރަށް ލަފާކުރި ބަޖެޓު ފާސްކުރި ތާރިހާއި ހަމައަށް 10،000 މެންބަރުން ހަމަވާ ހަ ޕާޓީއަކަށް 44،099،905 ރުފިޔާ ދޫކުރަން ކަނޑައަޅާފައިވެ އެވެ. 

ނަމަވެސް ވެރިކަން ކުރާ ކޮންގްރެސް ޕާޓީއިން ގާނޫނާއި ގަވައިދާ ހިލާފުވެގެން ނުލިބި ހުރި ފައިސާގެ އަދަދު އުނި ކުރުމަށް ފަހު ޕާޓީ ތަކަށް ދޭން ނިންމާފައިވާ ޖުމްލަ އަދަދަކީ 44،004،905 ރުފިޔާ އެވެ. އެ ޕާޓީއަށް ދޭން ކަނޑައެޅި އަދަދުން އުނިވި ނަމަވެސް ބާކީ ފަސް ޕާޓީއަށް ކަނޑައެޅި އަދަދަށް ފައިސާ ލިބޭނެއެވެ.

މި އަހަރު އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަކީ އިދިކޮޅު އެމްޑީޕީ އެވެ. 52،142 މެންބަރުން ތިބި އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ދޭން ވަނީ ހަމަޖައްސާފަ އެވެ. 

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވަނީ ޖުމްލަ 18 މިލިއަން ދޭން ނިންމާފަ އެވެ. އެއީ 36،223 މެމްބަރުން ތިބި ޕީޕީއެމް އަށް ލިބޭ 10.5 މިލިއަން ރުފިޔާ އާއި 28،201 މެމްބަރުންގެ ޕީއެންސީ އަށް ލިބޭ 8.1 މިލިއަން ރުފިޔާއާ އެވެ.

ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދުތައް:

  • އެމްޑީޕީ - 15.1 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ - 2.5 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ
  • ޕީޕީއެމް - 10.5 މިލިއަން ރުފިޔާ
  • އެމްޑީއޭ - 2.5 މިލިއަން ރުފިޔާ
  • ޕީއެންސީ - 8.1 މިލިއަން ރުފިޔާ

ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް