ads
ޗައިނާގެ ސާވޭ އުޅަނދު ރާއްޖެއާ ދިމާއަށް، އިންޑިއާ އޮތީ ސަމާލުވެ!
ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން ދާތީ އިންޑިއާއިން އެކަން ގާތުން ބަލަން ފަށައިފި އެވެ.

އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗައިނާގެ އެ އުޅަނދުގެ މިސްރާބު ހުރީ ރާއްޖެއާ ދިމާއަށެވެ. އެހެންކަމުން އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދީގެން އެ އުޅަނދުގެ ހަރަކާތްތައް ބަލަމުން އަންނަ ކަމަށް ރޮއިޓާސްއިން ބުނެއެވެ.

ރާއްޖެއާ ދިމާއަށް ދަތުރުކުރަމުން ދަނީ މި މަހުގެ ކުރީކޮޅު ސްރީ ލަންކާ ހަމްބަންޓޯޓާ ބަނދަރަށް ނުވެއްދި ބޯޓެކެވެ. ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އެ އުޅަނދު ލަންކާއަށް ބަނދަރު ކުރިޔަކަ ނުދިނީ އިންޑިއާގެ އެދުމުގެ މަތިންނެވެ.

މީގެއިތުރުން މިފަދަ އުޅަނދުތަކުން އެއްކުރާ މައުލޫމާތުތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އިންޑިއާއިން ބުނަމުން ދިއުމާއެކު ލަންކާއިން ވަނީ އިންޑިއާއާ ދެމެދު އޮތް މަސްލަހަތު އިސްކޮށް، ޗައިނާގެ ރިސާޗް އުޅަނދުތައް ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަނާކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ބައްދަލުވުމުގައި، އިންޑިއާގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނުކުރުމަށް ލަންކާއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް އިންޑިއާގެ އޮފިޝަލުން ހާމަކުރެ އެވެ.

ރާއްޖެއާ ދިމާއަށް ދަތުރުކުރަމުންދާ، ދިގުމިނުގައި 99.8 މީޓަރު، ފުޅާމިނުގައި 17.8 މީޓަރު ހުންނަ މި އުޅަނދު ރާއްޖޭގައި ބަނދަރުކުރާނެ ކަމަށް ބޭރުގެ މީޑިއާތަކުން ލަފާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގަ އެވެ. 

ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ޗައިނާއާއެކު ގާތްގުޅުމެއް ބާއްވާތީ އިންޑިޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ޗައިނާއިން ބުނެފައިވަނީ އެ ގުޅުމާމެދު އިންޑިއާ "ބިރުގަންނަށް" ނުޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް