ads
މިއުޒިޝަންސް ޔޫނިއަންގެ ރައްދު މަޓީއަށް؛ ދިވެހި ފަންނާނުން ތިބީ ތައްޔާރަށް
ރާއްޖޭގައި މަސައްކަތް ކުރާނެ ދިވެހި ފަންނާނުން އެބަތިބި ކަމަށާއި އެމީހުން ތިބީ ތައްޔާރަށް ކަމަށް މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

މިއުޒިޝަންސް ޔޫނިއަނުން މިހެން ބުނެފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އިތުރުވުމާ އެއްވަރަށް އެ ތަންތަނުގައި ހިދުމަތް ދޭނެ ދިވެހި ފަންނާނުން ނެތް ކަމަށް ބުނެ، ބޭރުގެ މިއުޒިޝަނުންނަށް ވޯކް ވިސާ ދިނުމަށް މަޓީން އެދުމާއި ގުޅިގެންނެވެ.

މަޓީން ސަރުކާރުގައި އެގޮތަށް އެދުމާއެކު މިއުޒިޝަންސް ޔޫނިއަނުން "އެކްސް"ގައި ކުރި ޕޯޯސްޓެއްގައި ބުނެފައިވަނީ، ބޭރުގެ ފަންނާނުނަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ދިވެހި ފަންނާނުން ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެފަދަ ވާހަކަ ތަކުން ދިވެހި ފަންުވެރިންގެ އަގު ވެއްޓުމުގެ ފުރުސަތު ނުދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މިއުޒިޝަންސް ޔޫނިއަނުން ބުނީ ރާއްޖޭގައި ގިނަ ދިވެހި މިއުޒިޝަނުން އެބަ ތިބި ކަމެށެވެ. އަދި އެމީހުން ތިބީ ފުރުސަތެއްގެ އިންތިޒާރުގައި ތައްޔާރަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި މިއުޒިޝަނުން ހަރަކާތްތެރިވާ މިންވަރާ ގުޅޭ ގޮތުން މަޓީއިން ދެއްކި ވާހަކައަށް ބާރުދޭ ދިރާސާއެއް އާންމުކުރުމަށް މިއުޒިޝަންސް ޔޫނިއަނުން ވަނީ އެދިފަ އެވެ. އަދި ތަފާސްހިސާބުތަކުން މިކަމުގެ ހަގީގަތް ހާމަ ވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކުރީގެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ކަނބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"ވަރަށް ގިނަ ހުނަރުވެރި މިޔުޒިޝަނުންނާއި ފަންނާނުން އެބަތިބި. ރާއްޖޭގެ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ދިވެހި މިޔުޒިޝަނުންނަށާއި ފަންނާނުންނަށް އިސްކަންދޭންޖެހޭ." ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ދިވެހި ފަންނާނުންނަށް ކުރިއަށް ދެވޭނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން އެމީހުންނަށް ފުރުސަތު ލިބިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް