ދެ ޕާޓީ ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮން ނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ އިތުރުން ސިޔާސީ މަގާމުތައް ވަކި އަދަދެއްގައި ހިފެހެއްޓުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ.
"ދެ ޕާޓީ އެއްބަސްވެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުނުވާނެގޮތެއް ހެދުމަށާއި ސިޔާސީ މަގާމުތައް ލިމިޓް ކުރާނެ ގޮތް ހެދުމަށް ވެސް އެއްބަސްވެފައިވަނީ،" ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ސްޓޭޓް މިނިސްޓަރުންނާއި ނައިބު ވަޒީރުންނާއި އެ ފެންވަރުގެ މަގާމުތަކަށް މީހުން އިތުރުވަމުންދިޔުމަކީ ކަން ބޮޑުވާކަމެއްކަމަށް ދެ ޕާޓީއަށް އެއްބަސްވެފައިވާތީ އެ ފަދަ މަގާމުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދުތަކެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ޕްރެސްގައި ވާހަކަ ދައްކަމުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މެމްބަރުން އިތުރު ނުވާނެ ގޮތަކަށާއި ކުޑަ ސަރުކާރެއް ހިންގުމާބެހޭގޮތުން ގާނޫނު އަސާސީއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމަށް ވާހަކަ ދެކެވި އެއްބަސްވެފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށާއި އެ ޖަލްސާ ބައްވަނީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަށްކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޕާޓީގެ މަސަލަހަތަށް ވުރެ ގައުމީ މަސްލަހަތަށް އިސްކަން ދޭ ޕާޓީއެއް ކަމަށާއި އެހެންވެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވަނީ ގައުމުގެ މަންފާއަށްޓަކައި ކަމަށެވެ.