ދެ ޕާޓީ ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ވިދާޅުވީ ބޭނުންހާ ގޮތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދުމުގައާއި ރެގިއުލޭޓު ކުރުމުގައި ވަކި އުސޭލެއް ނެތުމުގެ ސަބަބުން އޭރެއްގައި އޮންނަ ސަރުކާރުން ހިތު ހުރިހާ ގޮތަކަށް ކުންފުނިތައް ހިިންގުމަށް ހިފާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދާނީ އިތުރަށް ދަށަށް ކަމަށާއި އެކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުމެއް ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނޭކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދުމުގައާއި ރެގިއުލޭޓު ކުރުން ވަކި ގާނޫނެއްގެ ދަށުން ކުރަން ޖެހޭކަމަށް ދެ ޕާޓީން ވެސް އެއްބަސްވާކަމަށާއި އެހެންކަމުން ގާނޫނާއި ގަވައިދަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން އެކަން ކުރަން ދެ ޕާޓީން ވެސް ތައްޔާރުކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮން ނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ އިތުރުން ސިޔާސީ މަގާމުތައް ވަކި އަދަދެއްގައި ހިފެހެއްޓުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ.
"ދެ ޕާޓީ އެއްބަސްވެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުނުވާނެގޮތެއް ހެދުމަށާއި ސިޔާސީ މަގާމުތައް ލިމިޓް ކުރާނެ ގޮތް ހެދުމަށް ވެސް އެއްބަސްވެފައިވަނީ،" ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ސްޓޭޓް މިނިސްޓަރުންނާއި ނައިބު ވަޒީރުންނާއި އެ ފެންވަރުގެ މަގާމުތަކަށް މީހުން އިތުރުވަމުންދިޔުމަކީ ކަން ބޮޑުވާކަމެއްކަމަށް ދެ ޕާޓީއަށް އެއްބަސްވެފައިވާތީ އެ ފަދަ މަގާމުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދުތަކެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.