ads
"ވެރިކަމާ ހަވާލުވިއިރު ބިލުތަކަށް 7 ބިލިއަން ރުފިޔާ ނުދައްކާ ހުރި"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ހަތް ބިލިއަނެއްހާ ރުފިޔާގެ ބިލުތަކަށް ފައިސާ ދޫނުކޮށް ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު އިއްޔެ "އެކްސް‏"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީގެ ސަރުކާރުތަކުން ވެރިކަމުގެ ފުރަތަމަ ދެ މަސް ތެރޭގައި އާމްދަނީ އިތުރުކުރަން ކުރި އީޖާދީ މަސައްކަތް ތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު އެފަދައިން ސުވާލުކުރެއްވީ، ސަރުކާރުން ހަރަދު ކުރަމުންދާއިރު އާމްދަނީ އިތުރުކުރުމަށް މަސައްކަތް ނުކުރާކަމަށް ބުނެ، ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

މިނިސްޓަރުގެ އެ ޕޯސްޓާއި ވިދިގެން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެންނެވި އިރު ހަތް ބިލިއަނެއްހާ ރުފިޔާގެ ބިލުތަކަށް ފައިސާ ނުދައްކާ ހުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކުރިން ކުރެއްވި ސުވާލަކީ ވަރަށް ރަނގަޅު ސުވާލެއް ކަމަށާއި، އޭގައި ވަނީ ރަނގަޅަށް އެނަލައިޒް ކޮއްލަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި، ގާނޫނު ތަޅުއެޅުވުމާއި، ފައިސާ ޗާޕުކުރުމުގެ އިތުރުން މާލީ ޒިންމާއިން ރެކުން ފަދަ ކަންކަން މި ސަރުކާރަކުން ނުކުރާނެ ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވެފައިވާއިރު، ކޮވިޑުގެ ބަލިމަޑުކަމާއެކު ކުރިމަތިވި އިގުތިސާދީ ދަތިތަކުން އަރައިގަންނަން ކުރީގެ ސަރުކާރުން ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕު ކޮށްފައިވެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް