ads
ގައުމިއްޔަތުގެ ކޮލެޖު ހިންގާނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގައި: އާދަމް ނަސީރު
ގައުމިއްޔަތުގެ ކޮލެޖު ހިންގާނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގައިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކާއާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ކޮލެޖާއި، ދިރާސާކުރާ ގައުމީ މަރުކަޒު ސީއެޗްއެސްސީގެ ކުރީ އިމާރާތުގައި ހިންގުމަށްޓަކައި، އެއިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ސިވެކް ޓީމުން ކަމަށެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ ރައީސްގެ ހަފްތާ-14ގެ 14 ވަނަ ހަފްތާގައި ކޮލެޖުގެ ކިޔެވުން ފެށުން ކަމަށާއި  އެންމެ ފުރަތަމަ މާއްދާއަކަށް ކޮލެޖުގައި ކިޔަވައިދޭނީ ދިވެހި ތާރީހުކަމަށެވެ.

"އެހެން ކޮލެޖުތަކުގައި ތާރީޚު ކިޔަވައިދޭ ގޮތާއި، ގައުމިއްޔަތުގެ ކޮލެޖުގައި ކިޔަވައިދޭ ގޮތް ތަފާތުވާނެ. އެ ގޮތުން ތާރީހު ކިޔަވައިދޭއިރު، އެކި ކަންކަން ދިވެހިންނާއި ގުޅޭގޮތަށް، ދިވެހިންގެ އަސްލުތަކާ ގުޅޭ މައުލޫތަކަށް ކޮލެޖުގައި ކިޔަވައިދެވޭނެ. އަދި ދިވެހި ތާރީހުގެ މާއްދާ ކޮލެޖުގައި ކިޔަވައިދޭން ފެށުމަށްޓަކައި، ދިރާސާކުރާ މަރުކަޒުގެ ފުރަތަމަ ދިރާސާތައްވެސް އަމާޒުކުރެވޭނީ ދިވެހި ތާރީހަށް" އާދަމް ނަސީރު ވިދާޅުވި އެވެ

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި ހިމެނޭނީ ޢުމުރުން 35 އަހަރުން ދަށުގެ 50 ދިރާސާވެރިންކަމަށާއި  ދިރާސާތައް ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށް ދިވެހިބަހާއި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި ތަފާތު ދާއިރާތަކުން ދިރާސާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދިވެހި ތާރީހާއި، ދިވެހި ބޭސްވެރިކަމާއި، ދިވެހިންގެ އަސްލާއި ނަސްލާއި، ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާ ގުޅޭގޮތުން ދިރާސާތައް ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް