ads
އަދިވެސް ދާނީ މަގާމުތަކަށް މީހުން ނަގަމުން: އަދުރޭ
މި ސަރުކާރުގެ މަތިބަރު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ކުރިއަށް ހުރި މަސައްކަތްތަކަށް އަދިވެސް ސަރުކާރުގެ މަގާމުތަކަށް މީހުން ނަގަމުންދާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ރައީީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ ހަމައެކަނި ދައުރު ފުރިހަމަ ކޮށްލުމުގެ ބަދަލުގައި، އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށެވެ.

އަދި މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ތަންފީޒު ކުރެވޭނީ އެކަށީގެން ވާ ވަރަށް މަގާމުތަކަށް މީހުން އައްޔަން ކޮށް، އެ ފަރާާތްތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކުގައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަދިވެސް އިތުރު މަގާމުތަކަށް މީހުން އައްޔަން ކުރަމުން ދާނެ، އެއީ އަޅުގަނޑުމެން ވަރަށް ބައިވަރު ކަންތައް ކުރާށޭ މިއައީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް މީހުން އައްޔަން ކުރަމުން ދަނީ، ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ހޯދައިގެން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ މުސާރައާހެދި ދައުލަތައް ހަރަދު ބޮޑުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދުރޭ ވިދާޅުވި ގޮތުގައި ސަރުކާރުން 22 މިނިސްޓްރީއެއް އުފެއްދީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއު ތަކެއް ހިންގަން ކަމަށެވެ. އެހެންކަމުން އެތަންތަނަށް އެކަށީގެންވާ ވަރަށް ގާބިލް މީހުން ނަގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީއާއި ޑިމޮކްރަޓްސް ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުތައް ކޮންޓްރޯލް ކުރުމަށް ފަށާފައިވާ މަސައްކަތަކީ ރައީސްގެ "އަތްބަނުމަށް" ކުރާ މަސައްކަތެއްގެ ގޮތުގައި އަދުރޭ ވަނީ ސިފަކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް