މި ވެބްސައިޓް ލޯންޗުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލްއަޢުޘަމްގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ބޭނުންކުރަމުން އަންނަނީ މާ ބޮޑު ނިޒާމީ ވިސްނުންތަކެއް ނުވަތަ ސިޔާސަތުތަކެއް ވެސް ނެތި ކަމަށާއި މި އިދާރާ ގާއިމްކުރުމުން އެ ކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތައްކަށް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުމާއި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.
ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށް އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި އެކަމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.
ރާއްޖޭގެ މާހައުލުގައި ޒަކާތާ ގުޅޭ ގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމާއި ދިރާސާތައް ކުރުމާއި އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ޒަކާތު ހައުސްގައި ހިމެނޭ ކަމެކެވެ.