ads
ނަހުލާ ރައްޔިތުންނަށްް ވަފާތެރި ކެންޑިޑޭޓަކަށްވާނެ: ގާސިމް
ރައްޔިތުންނަށް ވަފާތެރި ކެންޑިޑޭޓަކަށް އައިޝަތު ނަހުލާ ވާނެކަން އެކަމަނާގެ ފިރިކަލުން، ޖުމްހޫރީ ޕިޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ނުކުންނަކަން އިއުލާންކޮށް ނަހުލާއަށް ތައުރީފުކޮށް އެކްސްގައި މިރޭ ލިޔުއްވާފައެވެ. އެހެންނަމަވެސް ނަހުލާ ނުކުންނަވަނީ ކޮން ޕަޓީއަކުންކަމެެއް ނުބުނެއެވެ. 

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް ޕްރައިމެރީގެ ވޯޓްލުން މާދަމާ ފެށެން ކުޑަތަންވެފައި ވަނިކޮށެވެ.

މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައިވާ ނަހުލާ ހުޅުމާލޭ ދާއިރާއަށް ވާދަކުރަނީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސް ޑރ.މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲގެ އެންގެވުމަކަށްް މަޝްވަރާކުރެވިގެންކަން ދޭހަވާ ވާހަކަތަކެއް ދެކެވޭ އޯޑިއޯ އެއް ވަނީ ދާދި ފަހުން އާއްމުވެފައެވެ. 

އެހެންނަމަވެސް ނަހުލާ ވާދަކުރާ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމެރީގައި 6 ކެނޑިޑޭޓުން ވާދަކުރެއެވެ. އޭގެތެެރޭގައި ރައީސް ޔާމީންގެ ވެރިަކމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ނަހުލާ ވާދަކުރަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގްތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުޞަތުތައް ފަހިކުރުމުގެ މަތިވެރި ޢަޒުމުގައިކަމަށެވެ.

ގާސިމް ވިދާޅުވީ ޤާނޫން ހަދާ މަޖިލީހަކީ،  އެމަޖިލީހަކަށް ތަޖްރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިޚާބު ކުރާން ޖެހޭ ތަނެއްކަމަށެވެ. އެހެންކަމުން ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އައިޝަތު ނަހުލާއަށް ލިބިގެން ދިއުން އެދޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

" ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި މެންބަރެއްކަމުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން." އަނބިކަނބަލުން ނަހުލާއަށް ތައުރީފުކުރައްވާ ގާސިމް އެކްސްގައި ލިޔުއްވި ޕޯސްޓްގައިވެއެވެ.

އަނބިކަނބަލުން ނަހުލާ މަޖިލީހަށް ވާދަކުރައްވާއިރު ގާސިމް އިބްރާހިމްވެސް އެމަނިކުފާނު ތަމްސީލުކުރައްވާ މާމިގިލީ ދާއިރާއަށް މިފަހަރުވެސް ނުކުތުމަށް ދަނީ ތައްޔާރުވަމުންނެވެ. ގާސިމަށް ފުރުސަތު ދިނުމުގެ ގޮތުން އެ ދާއިރާގައިި ވާދަނުކުރާނެކަން ވެރިކަންކުރާ ޕީއެންސީ/ ޕީޕީއެމް ކޯލިޝަނުން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް އެ ކޯލިޝަނުން ބުނީ އެއީ ޕާޓީގެ ލީޑަރުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ކުރާކަމެއްކަމަށެވެ. 

ގާސިމް އިބްރާހިމް މަޖިލީހުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 28 މޭ 2009 ގައެވެ. މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ގާސިމް ހުންނަވާތާ މިހާރު ވަނީ 14 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް