މިކަމަށް މަރުހަބާ ކިޔައި ރައީސް ޑރ. މުހަންމަދު މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެކްސްގައި ޕޯސްޓް ކުރައްވާފަ އެވެ.
ރައީސް އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައި ވަނީ ރާއްޖެއިން އެ އަމުރަށް މަރުހަބާ ކިޔާ ކަމަށާއި، އިޒްރޭލުން މީހުން މެރުމާއި ހަމަލާ ދިނުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ކޮންމެ އިންސާނެއްގެ ފުރާނައަކީ ވެސް ރައްކާތެރިކަން ލިބިގެންވާ އަގުހުރި އެއްޗެއް ކަމަށް ވެސް އެ ޕޯސްޓްގައި ވެއެވެ.
އަދިވެސް ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ބޮންއެޅުމާއި މީހުން ގެދޮރުން ބޭރުކުރުމާއި ނަސްލީ ތަފާތުކުރުންތަކުން ސުލްހަ ގާއިމްނުކުރެވޭނެކަމަށާއި އަދި ހަގީގީ އަދި ދާއިމީ ހަމަޖެހުން ގެނެވޭނެ ހަމަމައެކަނި ގޮތަކީ 1967 އަހަރުގެ ކުރީގައި އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށެވެ.
ރައީސް ގެ މި ޕޯސްޓް އާއި އެކު ބައެއް ދިވެހިން ވަނީ ރައީސް އަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އަދި މި ސަރުކާރަކީ އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނެ ސަރުކާރެއްގެ އިތުރުން މި ގައުމުގައި އިޒްރޭލަށް އެއްވެސް ތާއީދެއް ނެތްކަމަށް ބުނެއެވެ. އަދި ހަމަ އެހެންމެ ހަރުކަށި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބޭން ކުރަން ވެސް ގޮވާލާފައިވެ އެވެ.
ޒަމީރުގެ ޕޯސްޓުގައި ވިދާޅުވީ، އައިސީޖޭގެ އަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ކޯޓުގެ އެ ނިންމުމުން ބައިނަލްއަގުވާމީ ގާނޫނުގެ ވަރުގަދަކަން ހާމަވެގެންދާ ކަމަށެވެ.
މިއަދުގެ އަމުރު ތަންފީޒުކުރުން އިޒްރޭލުގެ މައްޗަށް މަޖުބޫރު ކުރުމަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ގޮވާލާފަ އެވެ. އަދި, މިއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވެ އެ ގައުމު އެކަހެރިވެގެންދާނެ ކަމެއްގެ ގޮތުގައި ހަމާސްގެ އިސް އޮފިޝަލް ސިފަކުރެއްވި އެވެ.
އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމެވެ. ނަމަވެސް އެ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމެއް ނެތުމުން، އިޒްރޭލަށް މިއަދުގެ އަމުރަށް އަމަލުނުކޮށް ވެސް އޮވެވިދާނެ އެވެ.
ދެކުނު އެފްރިކާ އިން ހުށަހެޅި ނަސްލު ނައްތާލުމުގެ ދައުވާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. މިއަދު ނެރުނު އަމުރުގެ މަގްސަދަކީ އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާ އިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ.