ads
އާސަންދަ
60000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓު ނަގަން ފަށަނީ
މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުން ބޭސްފަރުވާކުރާ އިރު ދައްކަން ޖެހޭ ކޯޕޭމަންޓަކީ ބޭސްފަރުވާއަށް ހަރަދުވާ ފައިސާގެ 15 ޕަސެންޓް ކަމަށް ކަނޑަައަޅައި ހެލްތު މިނިސްޓްރީން އެކަން އިއުލާނުކޮށްފި އެވެ.
Advertisement

މި ނިންމުމަށް 1 ޖެނުއަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ އާސަންދަ މިހާރު ދެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާއާ މެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެހެންކަމުން، މަހަކު 60000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދަ ދެން ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ"ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި ބަދަލާ އެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ. 

މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާއީ ތަރައްގީއަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

އާމްދަނީ ބޮޑު ނަމަވެސް، ގައުމަށް ނުހަނު ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަންނުވެރިން ގައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް މި އުސޫލުން ވަނީ އިސްތިސްނާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

މިއީ އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ދައުލަތުގެ ބަޖެޓުން އިސްރާފު ކުޑަކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމު އިސްލާހީ ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް