ads
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ޅެމަކީ ނަފްސާނީ ފަރުވާއަށް ބޭނުންކުރާ ވަސީލަތެއް: ވަޒީރު އާދަމް ނަސީރު
ޅެމަކީ ނަފްސާނީ ފަރުވާއަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރެވެމުން އަންނަކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ވަޒީރު ނަސީރު ރޭ ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ކަމެއް ކަމަށާއި މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.

"ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ މި ދަންނަވާ ފަރުވާ ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ތައާރަފް ކުރެވޭތޯ، އެ މަސައްކަތް އެބަ ކުރަމު. އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އަނެއްކާވެސް އެހެން ޖާގައެއް، އެހެން ދަރަޖައެއް އެ ލިބުނީ،" ނަސީރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށާއި ހިތްވަރު އާލާކުރެވި ފިކުރުތަކާއި ދުރުކުރެވޭނެ ކަމެއް ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކައިފައިވާ ކަމަށެވެ.

"ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިމީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާ،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީ މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އެކެޑަމީގެ މަސައްކަތްތައް އެހެން ތާކަށް ބަދަލުކޮށް، އެކެޑަމީ މަރާތުކޮށް އާބާތުރަފިލުވައިދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާކަމަށެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ އަފީފްގެ ޅެންފޮތް "އަލިދޯދި"ވަނީ ނެރެފަ އެވެ. އަދި އަފީފުގެ ހަޔާތްޕުޅާއި ހިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފަ އެވެ.

މީގެއިތުރުންވެސް ޅެންވެރިންގެ ފޮތްތައް ނެރުމާއި، ޅެންވެރިންގެ ވާހަކަތައް ޖަލްސާގައި ވަނީ ގެނެސްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް