އަތޮޅުތެރޭ ގިނަ ރަށްތަކުގައި ކަރަންޓް ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެެއްގައި ބުނީ، ފުވައްމުލަކު ކަރަންޓު މައްސަލަ ހައްލުކުރަން ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ގައްދޫގައި ހުރި އެ ކުންފުނީ ޖެންސެޓެއް ފޮނުވަން ނިންމާފައިވާކަމަށެވެ.
ނަމަވެސް ބޭނުން ނުކޮށް އިންޖީނުގެޔަށް ވެސް ނުވައްދާހުރި އެ ޖެންސެޓު ފުވައްމުލަކަށް ގެންދަން އެ ކުންފުނިން ހަމަޖައްސާފައިވާ އުޅަނދު ގައްދޫއަށް ދިޔުމުން، އެރަށު ރައްޔިތުން އެކަމާއި ދެކޮޅަށް މުޒާހަރާކޮށް އުޅަނދުގައި ތިބި ފަޅުވެރިންނަށް ބިރު ދައްކާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އެކުންފުނީގެ ހަރުމުދާތައް އެކުންފުނީގެ އެއް ބްރާންޗުން އެހެން ބްރާންޗަކަށް ގެންދިއުމުގެ އިހުތިޔާރު އެކުންފުންޏަށް އޮންނަން ވާނެކަމަށް ފެނަކައިން ބުނެއެވެ.
ކަމާ ގުޅުން ހުރި އިދާރާތަކާްއި ގުޅިގެން އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ.