ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.
އެ މަސައްކަތަށް ދެ އިންޖީނުލީ ހެލިކަޕްޓަރު ބޭނުން ކުރުމަށާއި، އެ ޚިދުމަތް ފޯރުކޮށް ދޭނީ ވާދަވެރި ބީލަމަކަށް ހުޅުވާލުމަށް ފަހު، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ހަވާލުކޮށްގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން، ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންވާ ޖާގައެއް ހުޅުލޭގައި ގާއިމު ކުރާނެ ކަމަށާއި އިތުރު ހެލިޕެޑެއް އަޅަންޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމާފައި މި ވަނީ މެޑިކަލް އިވެކުއޭޝަން އަދި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ބޭނުން ކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލުމަށްފަހެވެ.