ads
ޖަލްސާ ކުރިޔަށް ނުގެންދެވިގެން ނިންމާލައިފި
ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ކުރިޔަށް ނުގެންދެވިގެން ނިންމާލިކަން މަޖިލީހުގެ ރައީސް އިއުލާން ކުރައްވައިފިއެވެ.
Advertisement

ޖަލްސާ ނިންމާލިކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާންކުރެއްވިއިރު ވަނީ ވޯޓަށް ޖަހަންޖެހޭ ރަނގަބީލުވެސް ޖަހާފައެވެ. މިރޭ ދެވަނަ ފަހަރަށް ފެށި ޖަލްސާ ނިންމާލިކަން އިއުލާންކުރައްވަމުން އަސްލަމް ވިދާޅުވީ ޖަލްސާ ނިންމާލަނީ ކުރިޔަށް ގެންދާނެ މާހައުލެއްނެތިގެންކަމަށެވެ. 

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާ ޑިމޮކްރެޓްސް އިން ނިންމާ އެކަން އިއުލާންކުރި ހިސާބުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންދިޔައީ މަޖިލިސް ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުންނެވެ. 

މަޖިލީހުގައި ނިންމާ ކަންކަމުގައި އާއްމުކޮށް ވޯޓަށް އަހަނީ މެންދުރު 13:30ގައެވެ. އެހެންނަމަވެސް އެ ގަޑި ޖެހުނުއިރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން މިއަދު ތިބީ މަޖިލީހުގެ ތަޅުމަށް ވަދެ އިދިކޮޅު މެމްބަރުންނަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިގެންނެވެ. 

އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ޖަލްސާ ކުރިޔަށް ގެންދަން މަސައްކަތް ކުރަން ފެށި ހިސާބުން މަޖިލީހުގައި ހަމަނުޖެހުން ވަނީ ހިނގާފައެވެ. މައްސަލަ ޖެހުނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އިސާ ރިޔާސަތު އިންނަވާ ތަންނަށް ވަންނަ މަސައްކަތް ކުރުމުން ކަނޑިތީމު ދައިރާގެ މެމްބަރު އަބްދުﷲ ޝަހީމް އޭނާގެ ފައިގައި ހިފާ ވައްޓާލުމުންނެވެ. އެއަށްފަހު ހިނގި ހަމަނުޖެހުމުގައި ޝަހީމަށްވަނީ އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

މަޖިލިސް ކުރިޔަށް ދެންދިޔުމަށް ސަރުކާރު މެމްބަރުން ހުރަސްއަޅާ މެމްބަރުންގެ މޭޒުތައް މަތީ ހުންނަ މައިކްތައްވެސް ވަނީ އުފުރާލާފައެވެ. އަދި މިރޭ އަލުން ޖަލްސާ ބާއްވަން ނިންމާ މަޖިލިސް ފެށުމަށް ތައްޔާރުވުމުން މަޖިލީހުގެ ރިޔާސަތު އިންނަވާ މޭޒުގައި ހުރި މައިކްވެސް ވަނީ އުފުރާލާފައެވެ. 

your imageމިރޭގެ ޖަލްސާގެ ތެރެއިން

އޭގެ 2 ގަޑިއިރާ ބައިފަހުން އަލުން ޖަލްސާ ފެށީ ވަޒީރުން ތިބޭ މޭޒުގައި އަސްލަމް އިންނަވައިގެންނެވެ. އަދި ޖަލްސާ ފަށާ ވޯޓު ރަނގަބީލް ޖަހަންވެސް އަސްލަމް އެންގެވިއެވެ. އެހެންނަމަވެސް ވޯޓް ރަނގަބީލުގައި މަޑުކުރަންޖެހޭ 10 މިނެޓް ފުރިހަމަ ނުވަނީސް އަސްލަމް ވަނީ މަޖިލިސް ނިންމާލާފައެވެ. 

އެމްޑީޕީން މިރޭ ބުނީ އެޕާޓީގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރުވެސް ދެމުން އަންނަކަމަށެވެ. އަދި މަޖިލިހަށް އައި ބައެއް މެމްބަރުންނަށް މަގުމަތިން ދިމާކޮށް ހަމަލާދީފައިވާކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.. މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް އައި ވަގުތު މަގުމަތިން ބަޔަކު ދިމާކޮށް ގަޔަށް އައްލި މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ އާއްމުވެފައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުން މަޖްބޫރުކުރަމުން އަންނަކަމަށް ބުނެ އެކަން ހުއްޓާލަން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ މިރޭ ގޮވާލާފައެވެ. 

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓްނަގާ ވަގުތާއި ދިމާކޮށް ސަރުކާރުގެ އިސްވެރިންނާއި ނައިބު ވަޒީރުންނާއި ސަރުކާރަށް ތާއިދުކުރާ ބަޔަކު ވަނީ މަޖިލިސް ހިމެނޭ ގްރީން ޒޯން ސަރަހައްދަށް އެއްވެފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ވަނީ މަޖިލީހަށް ގާވެސް އުކާފައެވެ. މަޖިލިސް ދޮށަށް އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތްކުރީ ގާތްގަޑަކަށް 3 ގަޑިއިރު ފަހުންނެވެ. 

މަޖިލީހަށް ގާ އުކި މައްސަލާގައި އެ މައްސަލަ ސަލާމަތާ ބެހޭ ކޮމެޓީން ބެލުމަށް އީވާ އަބްދުﷲ ވަނީ ހުށައަޅާފައެވެ. އިވާގެ މައްސަލާގައި ބުނެފައިވަނީ މަޖިލީހުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން ހަވާލުކޮށްފައިވަނީ ފުލުހުންނާއި އެމްއެންޑީއެފްއާ ކަމަށެވެ. އެހެންކަމުން އެ ދެ މުވައްސަސާއަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތު މިއަދު އަދާކޮށްފައިވޭތޯ ބަލާ ދިނުމަށް އީވާ ހުށައެޅި މައްސަލާގައި އެދިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް