ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައިކަމަށެވެ.
އެ ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ދަށްކުރުމަށް ނިންމައިފަ އެވެ. މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް އަންނަ ފެބްރުއަރީން ފެށިގެން ކަނޑައަޅާފައި ވަނީ މި ރޭޓެވެ.
އޭގެ އިތުރުން, ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަަސެންޓާ ހަމައަށް ފައިނޭންސް ލިބޭ ގޮތަށް ބަދަލު ވަނީ ގެނެސްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް %2.5 ދަށްކުރެވިގެން ދިޔުމަކީ އެ ބޭންކަށް ލިބުނު އުފަލެއްކަމަށެވެ.
މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.