ads
ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދެނީ
ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދޭން ނިންމާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބިލްޑިން އެންޑް އިންފްރާސްޓަކަރްޗާ ވަޒިރު ވިދާޅުވީ ސިނަމާލެ ބްރިޖްގެ މެއިންޓަނެންސްއާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށާއި ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު ކޮންޓްރެކްޓްގައި އޮތީ 2 އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކުރުމަށްކަމަށެވެ

ވަޒީރު ވިދާޅުވީ، އެ މުއްދަތު ހަމަވުމަށްފަހު ކުނިކަހައި ސާފުކުރުން ފިޔަވައި އެތަނުގައި މެއިންޓަނަންސްގެ މާބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަމަށާއި އެތަނުގެ މެއިންޓަނަންސްއަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއްކަމަށެވެ. 

"އެތަނުގެ މެއިންޓަނަންސްއަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއް ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުންފަދަ ކަންކަންވެސް ހިނގާފައިވޭ" ވަޒީރު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން އިތުރު 3 އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް އެއިރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް ވަޒީރު ފާހަގަ ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާފައިވަނީ ބްރިޖު އެޅި ކުންފުނިން ދެ އަހަރު ދުވަހު މެއިންޓަނަންސް ބެހެއްޓުމަށްފަހު ދިވެހި ސަރުކާރާ ހަވާލު ކުރާ ގޮތަށެވެ. މި މުއްދަތުގައި ބަލަހައްޓަން ދިވެހިން ތަމްރީން ކުރަން ވެސް ނިންމި އެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ހުޅުމާލެ އާއި މައި އެއާޕޯޓް އަދި ވެރިރަށް މާލެ ގުޅުވައިދިން، ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުންނަ، "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" -- ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ބްރިޖުގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 30 މަސް ދުވަހުން މަސައްކަތް ދުވަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް