ads
ހިޔާ ފްލެޓް ހެދި ކުންފުނިން ރަސްމާލޭގައި ފްލެޓް އަޅަން ހުށަހަޅައިފި
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ޒަމާނީ ސިޓީ، ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ރަސްމާލޭގައި 15000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ވަނީ، ހައުސިން މިނިސްޓްރީ އާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ކޮސްޓާއި ކޮލިޓީއާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ނިންމައިފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކަމުން އަންނަ އިރު، ރަސްމާލެ އަށް 1،153 ހެކްޓަރުގެ ބިން ހަމަޖައްސާފައިވެ އެވެ. އެގޮތުން މިހާތަނަށް ވަނީ 10 ހެކްޓަރު ހިއްކައިފަ އެވެ. އެ ތަން ހިއްކަން ފެށީ މިދިޔަ މަހުގެ 18 ގަ އެވެ. ހިއްކުމުގެ މަސައްކަތް ކުރަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިންނެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ ރަސްމާލޭ ގައި 35000 ހައުސިން ޔުނިޓް އެޅުމަށެވެ. އަދި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅީން ހައްލު ކުރެއްވުމެވެ.

މިދިޔަ ސަރުކާރުތަކުގައި މާލެ އަދި ހުޅުމާލޭގައި ވެސް ޗައިނާ ކުންފުނިތަކުން ވަނީ ފްލެޓް އަޅާ ދީފަ އެވެ.

މިހާރު ހިއްކަމުންދާ ރަސްމާލޭގެ މަގުތައް ހަދަން ނިންމާފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވީ ރަސްމީ ދަތުރުފުޅުގައި، އެގައުމުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެފައިވެ އެވެ.  

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ހިންގަމުން އަންނަ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ގޯއްޗާއި ފްލެޓް އެކުލެވޭ ގޮތަށް ރަސްމާލޭގައި 65000 ހައުސިން މަޝްރޫއު ކުރިއަށްގެން ދާނެ އެވެ.

ސަރުކާރުން ވަނީ ރަސްމާލެ އާއި މާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް ވެސް ހަދާނެކަން އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް