ads
ފޮރިން މިނިސްޓަރު ޒަމީރަށް ރުހުންދޭން ފާސްކޮށްފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރުހުންދޭން އިއްތިފާގުން ފާސްކޮށްފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައީސް މުއިއްޒުގެ ވަޒީރެއްގެ ގޮތުގައި ބެހެއްޓުމަށް ފެންނަ ކަމަށް މަޖިލީހުގެ 70 މެމްބަރުން ވޯޓު ދެއްވި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އެގޮތަށް ނިންމައިގެންނެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނު ކަމަށް ނުރަސްމީކޮށް އެނގުނު ނަމަވެސް ރުހުން ނުދޭން ނިންމީ ސީދާ ކޮންކޮން ވަޒީރުންނަކަށް ކަމެއް އެ ދެޕާޓީން ހާމައެއް ނުކުރެ އެވެ.

ވަޒީރުންނަށް ރުހުން ނުދީފި ނަމަ ދެން ހަދާނީ ކިހިނެތްތޯ މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރުހުން ނުދޭ މިނިސްޓަރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ. 

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ރުހުން ނުދޭން ނިންމީ ތިން ބޭފުޅަކަށެވެ. އެއީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތް އިރު އެ ޕާޓީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް