ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ނެގި ވޯޓުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށް ރުހުން ނުދޭން މަޖިލިހުން ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅިގެން ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ހުވާކުރައްވައިގެން ތިއްބެވި ވަޒީރުންނަށް އެއްވެސް އަސާސެއްނެތި ރުހުން ނުދެއްވުމަކީ މުޖުތަމައު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ތިން ވަޒީރަކަށް މަޖިލިހުން ރުހުން ނުދިނުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށް ވީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައ ރައީސް އާއި ވަޒީރުން ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދެން މިއަދު ނިންމީ ޒާތީ މައްސަލައެއްގެ ސަބަބުން ކަމަށް ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.