ހެރިޓޭޖް މިނިސްޓަރީން ބުނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރާއި ރާއްޖޭގައި ހުން ޗައިނާ ސަފީރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތް ކަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެ އެވެ.
ހެރިޓޭޖް މިނިސްޓްރީ އިތުރަށް ބުނީ މިފަދަ ލެބޯޓަރީއެއް ގާއިމުކުރަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ޗައިނާ ސަފީރު މަރުހަބާ ވިދާޅުވެ ފަހުމުނާމާއެއް އެކުލަވައިލައި ދެ ގައުމުގެ ލިޔުންތައް ތަރުޖަމާކޮށް ޗާޕު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް ކޮށްފައިވާ ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ އެ ގައުމުން ރާއްޖޭގައި އަޅައިދީފައިވާ ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްގީކުރުމާ ގުޅޭ ކަންކަމުގައި ޗައިނާއިން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.