ads
ބައިނަލްއަގްވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އެއް ދަރަޖަ ފަހަތަށް
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވާލަމުން ގެންދާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ އެއް ދަރަޖަ ދަށަށް ޖެހިލައިފި އެވެ.

ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. އެއީ އޭގެ ކުރީ ދެ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެކެވެ. ސީޕީއައިގައި ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 43 ޕޮއިންޓް ލިބުނެވެ. އޭގެ ފަހުން 2021 އާއި 2022 ގައި ލިބުނީ 40 ޕޮއިންޓެވެ.

ސީޕީއައިގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު 39 ޕޮއިންޓާ އެކު ރާއްޖެ ހިމެނީ 50 ޕޮއިންޓަށް ވުރެ މަދުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ފަހަތަށް ޖެހުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނުގައި ވާގޮތުން، 2023 ވަނައަހަރުގެ ސީޕީއައި ސްކޯއިން ހާމަވެގެންދަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ތައާރަފް ކުރެވިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައި އަދި ތަންފީޒުކުރުމުގައި ރާއްޖެ ނުކުޅެދިފައިވާ ކަމެވެ. 

"ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަކުރުމަށްޓަކައި ކޮރަޕްޝަންގެ ކުށްތަކަށް އެކަށީގެންވާ އަދަބުދީ، ފާރަވެރިވެވޭނޭ ނުވަތަ ޗެކް-އެންޑް-ބެލެންސް ކުރެވޭނޭ ނިޒާމުތައް ހަރުދަނާކޮށް، އަދުލު އިންސާފު ނެގެހެއްޓުމުގެ ޒިންމާ ދެވިފައިވާ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމާއި ވަސީލަތްތަކާއި އަދި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމަށް ސަރުކާރުން ތަންދޭންޖެހޭނެއެވެ،" ސީޕީއައިގެ ރިޕޯޓާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައިވެ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރު އާންމުކުރާ މި އިންޑެކްސްގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު ގިންތި ކުރަނީ، ސުމަކާއި 100 އާ ދޭތެރޭގެ އަދަދަކަށް ޕޮއިންޓް ދީގެންނެވެ. ކޮރަޕްޝަންގެ އަމަލުތައް ގިނަވާ ވަރަކަށް ޕޮއިންޓް ލިބޭ މިންވަރު މަދުވާނެ އެވެ. 

މި މިންގަނޑު ކަނޑައަޅަނީ 13 މަސްދަރެއް ބޭނުންކޮށްގެންނެެވެ. އެއީ ވޯލްޑް ބޭންކާއި ވޯލްޑް އިކޮނޮމިކް ފޯރަމާއި، އެކި ތިންކް ޓޭންކުތައް މެދުވެރިވެގެންނެވެ. މިއިން އެއްވެސް ކަމެއްގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުގެ ބައިވެރިވުމެއް ނޯންނާނެ އެވެ.

ރާއްޖޭގެ ރޭންކިން ދަރަޖައެއް ދަށްވިއިރު، ނިމިދިޔަ 2023ވަނަ އަހަރަކީ ރިޔާސީ އިންތިހާބު އޮތް އަހަރެވެ. އިންތިހާބާ ގުޅުވައި ކޮރަޕްޝަންގެ އަަމަލުތައް ހިންގަމުން އައިކަމުގެ ތުހުމަތު ވެސް ކުރެވިފައި އޮތެވެ.

ސީޕީއައި ގައި 180 ގައުމެއް ވަޒަންކޮޮށްފައި ވެ އެވެ. ރާއްޖޭގެ ސްކޯ އަކީ 39 ކަމަށް ވާއިރު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 93 ވަނައިގަ އެވެ. އެއިންޑެކްސްގައި 93 ވަނައިގައި ރާއްޖެއާ އެކު ދެން ހިމެނެނީ އަވަށްޓެރި އިންޑިއާއާއި އިރުމަތީ މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކަޒަކިސްތާން އަދި ލެސޯތޯ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް