ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުން އެއްކޮށްހެން ހުއްޓި، ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ޓީއެމްއޭއިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމުގެ އިތުރުން މުވައްޒަފުންނާއި އެކު ހަތަރު މަހުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. އެގޮތުން ހަތަރު މަހަށް ފަހު ކޮންޓްރެކްޓް އާ ނުކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ އެވެ.
ރިސޯޓްތަކަށް ފަތުރުވެރިން ގެންދިއުމުގައި ހަރަކާތްތެރިވާ ޓީއެމްއޭގައި 57 ސީޕްލޭން އޮންނަ އިރު، މިހާރު އޭގެ ތެރެއިން ގިނަ ބޯތުތައް ދަތުރެއް ނުކުރެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ދަށްވުމާ ގުޅިގެން މިހާތަނަށް އެ ކުންފުނިން އެއްވެސް މުވައްޒަފަކު ވަކިކޮށްފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
ޓީއެމްއޭގައި 900 އެއްހާ މުވައްޒަފުން އުޅޭއިރު، އެ ކުންފުނިން މުވައްޒަފުންނާ އެކު ހެދި ހަތަރު މަހުގެ ކޮންޓްރެކްޓް ބުނާ ގޮތުން ކުރިން ދެމުން ދިޔަ މުސާރަތައް އަނބުރާ ދޭން ފަށާނީ، އެ މުއްދަތެއްގައި މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަދަދުގެ 80 ޕަސެންޓާ ހަމައަށް ފަތުރުވެރިން ޖެހިޖެހިގެން ދެ މަސް ދުވަހު އައުމަށް ފަހު އެވެ.
ޓީއެމްއޭން މުވައްޒަފުންގެ މުސާރަ ކުޑަ ކުރި އިރު، ވިލާގެ ފްލައިމީ އާއި މަންތާ އެއާ އިން ވެސް ވަނީ މުސާރަތައް ކުޑަކޮށްފަ އެވެ. އެގޮތުން ވިލާ އިން ބޭންޑްތަކަކަށް ބަހާލައިގެން މުޅި ކުންފުނީގެ މުސާރަތައް ކުޑަކޮށްފައިވާއިރު، މަންތާ އިން މުސާރަތައް ކުޑަކޮށްފައިވާ ގޮތުގެ ތަފްސީލެއް ސާފެއް ނުވެ އެވެ.
ފަތުރުވެރިން އައުން ހުއްޓި މިހާރު ޓީއެމްއޭގެ ދަތުރުތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، މިއަދުން ފެށިގެން ފްލައިމީގެ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި މަންތާ އެއާގެ އޭޓީއާރު ބޯޓުތަކުގެ ދަތުރުތައް އޭޕްރީލް އެކަކުން ފެށިގެން ހުއްޓާލާނެ އެވެ.