ads
ޒުވާން ހަތީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓާވިއު ކުރަން ފަށައިފި
ޒުވާން ހަތީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓާވިއު ކުރަން އިއްޔެ ފަށައިފި އެވެ.

ސީއެންއެމް އާއި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ވިދާޅުވީ ޒުވާން ހަތީބު ޕްރޮގްރާމުގެ ބައިވެރިންނާ އިންޓާވިއުކުރުމުގެ ފުރަތަމަ ސެޝަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިކަމަށެވެ. 

އިންޓަރވިއުތަކަށް ފަހުން، ބައިވެރިންނަށް އިމާމްކަންކުރުމާއި ހުތުބާ ކިޔުމާ ގުޅޭ ގޮތުން ހާއްސަ ތަމްރީނެއް ދެވޭންކަމަށާއި ތަމްރީނު ފުރިހަމަކުރުމަށް ފަހު ބައިވެރިންނަށް ހުކުރު ކުރުމުގެ ހުއްދަ ދޫކުރެވޭނެކަމަށް އަހުސަން ވިދާޅުވި އެވެ. 

ޒުވާން ހަތީބު ޕްރޮގްރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހުކުރުކުރާނެ މީހުންނާއި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ.

އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ހުތުބާ ކިޔުމަށް ޝައުގުވެރިކަން އުފެއްދައި ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމެވެ.

160 އަށް ވުރެން ގިނަ ފޯމް ލިބިފައިވާކަމަށާއި މި ޕްރޮގްރާމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އަހުސަން ވިދާޅުވި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް