ads
އިންޑިޔާ ސިފައިން ފައިބާނީ މަޖިލިސް އިންތިހާބުގެ ފަހުން
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން ފައިބާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފަހުން ކަން، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުން ހާމަވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ރާއްޖޭން ބޭލުމާ ގުޅޭ ގޮތުން، ދިވެހި ސަރުކާރުން އެދިފައިވަނީ މަޖިލީހުގެ އިންތިހާބުގެ ކުރީގެ ތާރީހެއްގައި އިންޑިޔާ ސިފައިން ބާލާށެވެ. މަޖިލިސް އިންތިހާބު މާރިޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން އެދިފައިވަނީ މާރިޗު މަހުގެ 15 ގެ ކުރިން އިންޑިޔާ ސިފައިން ފޭބުމަށެވެ.

މިކަމާ ގުޅޭ މަޝްވަރާތައް މާލޭގައި ބޭއްވުމަށް ފަހު، މިއަދުވަނީ އިންޑިޔާގައިވެސް މިކަމާ ގުޅޭ މަޝްވަރާތަކެއް ބާއްވާފައެވެ. އެ މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން މިރޭ ބުނީ، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންޑިޔާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެއީ މަޖިލިސް އިންތިހާބަށްވުރެ ފަހުގެ ތާރީހެކެވެ.

ކުރިއަށް އޮތް މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމަން އިންޑިއާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް މިއަދުގެ ބައްދަލްވުމު ގައި އެފަދަ ކަމަކަށް އެއްބަސް ވެފައިވާ ކަމެއް އިންޑިއާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބަޔާން ނެރުމުގެ ކުރީން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ވަނީ ބައްދަލްވުމުގައި ކުރެވުނު މަޝްވަރާތަކާއި ވެވުނު އެއްބަސްވުންތަކާއި ނިންމުންތަކުގެ މައުލޫމާތު ހާމަކޮށް ބަޔާނެއް ނެރެފައެވެ.

މައިގަނޑު ގޮތެއް ގައި އޮތީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖެ-އިންޑިއާ އެއްބަސްވެއްޖެ ކަމަށެވެ.

އިންޑިޔާ ސިފައިން ރާއްޖޭން ބޭލުމާ ގުޅޭ ދެވަނަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މީގެ ތިން ވަނަ ބައްދަލުވުމެއް މި މަހު ފަހުކޮޅު ބޭއްވުމަށްވަނީ ނިންމާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް