މިނިސްޓަރު ޒަމީރު މިކަމަށް ގޮވާލެއްވީ އީޔޫގެ މައި އޮފީސް ގާއިމުކޮށްފައި ހުންނަ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށް ދިޔަ އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަަކަދައްކަވަމުންނެވެ.
މިނސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، ޑައިވާސިފައި ކުރަން ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފަ އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމަށްޓަކައި އީޔޫ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމަކު އެންމެ މުހިންމީ އަމިއްލަ ވިލުންވެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ގާބިލްކަން އިތުރުކުރަން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދީގެން ކަމަށެވެ.
ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހަށް ޑިއުޓީގެ ގޮތުގައި 24 ޕަސަންޓް ނަގަން ފެށީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިިކޮށް ތަަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކުރުމާ އެކު 2013 ވަނަ އަހަރުން ފެށިގެންނެވެ. މިމައްސަލަ ހައްލުކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކޮށްފައިވެ އެވެ.
ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑައިލުމަށް އެދި ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެގޮތުން ޔޫރަޕިއަން ޔޫނިއަނާ ވެސް މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ޑިއުޓީ ކަނޑާލާނެކަމަށް ސަރުކާރަށް ބެލެވުނެވެ. އެއާއެކު، މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ.
ނަމަވެސް އޭގެ ފަހުން ޑިއުޓީ ކަނޑައިފައެއްނުވެ އެވެ.