
ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަދުވަހުއެވެ. ފުރަތަމަ ގުނޫތު ކިޔަން ފެށީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައެވެ. އެހެންނަމަވެސް ފަހުން އޮކްޓޫބަރ 18 ވަނަދުވަހު އޭރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން ނިންމާ އެކަން ފަށާފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ހަމައެކަނި އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ޑިސެމްބަރު 7 ވަނަދުވަހު ހަމަޖެއްސިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ހުއްޓާލަން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މުދިމުންނަށް އަންގާފައެވެ.
ކައުންސިލްތަކަށް ވުޒާރާއިން ފޮނުވި ސާކިއުލަރ
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާތަނަށްވަނީ 27,000 މައްޗަށްް އަރާފައެވެ. އޭގެތެރޭގައި 16,000 އަށްވުރެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 66,000 އަރައެވެ.
މި ހަލަމަލާތަކުގައި އާއިލާ ގެއްލިފައިވާ ކުދިންގެ އަދަދުވެސް ވަނީ 17000 އިން މައްޗަށް އަރާފައެވެ.