ads
ޑޮކްޓަރެއްގެ ސަބަބުން ބަނޑުގައިއޮތް ދަރި މަރުވެއްޖެނަމަ ދިޔަ ދޭންޖެހޭނެ. ފަތުވާ
ޑޮކްޓަރުގެ ފަރުވާކަމުން، ނުވަތަ އެހެން މީހަކު ކުޅަ ޢަމަލެއްގެ ސަބަބުން، މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރި މަރުވެއްޖެ ނަމަ މަރުގެ ދިޔަ ދީ ކައްފާރާ ވެސް ދޭންޖެހޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ. 

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ނެރުނު ފަތުވާގައި ބުނީ  ޑޮކްޓަރުގެ ފަރުވާކަމުން، ނުވަތަ އެހެން މީހަކު ކުޅަ ޢަމަލެއްގެ ސަބަބުން، މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރި މަރުވެއްޖެ ނަމަ ނުވަތަ އެފަދަ އަމަލެއްގެ ސަބަބުން، މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރި ވެއްޓުނުއިރު މަރުވެފައިވާނަމަ ދިޔަ ދިނުމަށްފަހު ކައްފާރާ ދޭންޖެހޭ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަނީ އެކަން ކުޅަމީހާ އެކުއްޖާގެ ވާރުތަވެރިންނަށް ޣުއްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި، ކައްފާރާދިނުން ކަމަށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ. 

"ޣުއްރާއަކީ، މިނިވަނެއްގެ ދިޔައިގެ ދިހަ ބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ. އެއީ ޖަމަލުންނަމަ ފަސް ޖަމަލެވެ. ދީނާރުން ނަމަ ފަންސާސް ދީނާރެވެ. އަދި އެއީ ޚާލިޞް ރަނުގެ 212.5 ގުރާމެވެ. ދިރުހަމުން ނަމަ ފައްސަތޭކަ ދިރުހަމެވެ. މީ ކީރިތި ރަސޫލާ ގެ އަމަލުފުޅުންނާއި، ބަސްފުޅުންނާއި ނިޔާފުޅުން، ސާބިތުވާ ގޮތް." މަޖިލީހުގެ ފަތުވާގައިވެއެވެ.

ކައްފާރާއަކީ، މުއުމިން އަޅަކު މިނިވަންކުރުމެވެ. މިނިވަންކުރާނޭ މުއުމިނަކު ނުލިބިއްޖެ ނަމަ، ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހު ރޯދަހިފުމެވެ. ފަތުވާ ކޮމިޓީން ބުނި، މި ހުކުމް ސާބިތުވަނީ "އައްނިސާ" ސޫރަތުގެ 92 ވަނަ އާޔަތުން ކަމަށްވެސް ފަތުވާ މަޖިލީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް