ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މެންބަރުންނަށް މިއަދު ފޮނުއްވީ، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރު ކޯލިޝަނުންނެވެ.
އެ ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޖުމްލަ 23 މެމްބަރުންގެ ސޮޔާ އެކު އެވެ. އެއީ ޕީޕީއެމާއި ޕީއެންސީގެ 18 މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ.
އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާއިރު ސަރުކާރަށް ތާއިދު ކުރައްވާ ތިބީ 30 މެންބަރުންނެވެ.