އެމްކިއުއޭއިން މިއަދު ކުރި އިއުލާމެއްގައި ބުނީ، ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށްޓަކައި ރަށްތަކުގެ ކައުންސިލްތަކުން ހުށަހެޅުމުގެ ބަދަލުގައި އެ ޓީޗަރަކު މަސައްކަތް ކުރާ ސްކޫލްގެ ފަރާތުން މިއަދުން ފެށިގެން އެމްކިއުއޭއަށް ހުށަހެޅޭނެ ކަމަށެވެ.
ބިދޭސީ ޓީޗަރުންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށް ހުށަހަޅާއިރު ބާ ކައުންސިލުން އެޓެސްޓް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލެއް އެޓެސްޓް ކޮށްފައިވާ ސަނަދުތަކާއި އެހެނިހެން ލިޔެކިއުންތަކުގެ ކޮޕީ ސެޓަކާއި، އެޓެސްޓް ކޮށްފައިނުވާ ކޮޕީ ސެޓެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެމްކިއުއޭއިން ބުނެ އެވެ.
މީގެއިތުރުން އެމްކިއުއޭގެ އެޕްލިކޭޝަން ފޯމްގައި ހުށަހެޅުމަށް ބުނެފައިވާ ހުރިހާ ލިޔެކިއުމެއް ސްކޫލްގެ އެޗްއާރު އީމެއިލް މެދުވެރިކޮށް ހުށަހަޅާއިރު، ފޯމްގައި ސްކޫލްގެ ތައްގަނޑާއި ސްކޫލްގެ ބޭފުޅެއްގެ ސޮއި އޮންނަން ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
އެމްކިއުއޭއިން ބުނީ ސަނަދުގެ ފެންވަރު ބެލުމަށްޓަކައި އީމެއިލް މެދުވެރިކޮށް ހުށަހެޅި ކަމުގައި ވިއަސް، ސަނަދު ވެލިޑޭޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ ކައުންޓަރުން ކަމަށެވެ. އަދި ކޮޕީ ބަލައިދާއިރު އެ ސަނަދުގެ އަސްލު ގެންދިއުމަށް ވެސް އެމްކިއުއޭއިން ވަނީ އެދިފަ އެވެ.