ads
ސުނާމީއަށް 15 އަހަރު
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމަވެރި ކާރިސާ އެވެ.
Advertisement
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ބިރުވެރި އަދި ހިތާމަވެރި ކާރިސާ އެވެ.

މިއަދު މިކާރިސާއަށް މިވަނީ 15 އަހަރު ފުރިފަ އެވެ.

މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެ އެވެ.

މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައިވެ އެވެ. އެއީ، ރ. ކަނދޮޅުދޫ، ތ. ވިލުފުށި، ދ. ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުން 23 ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 13000 އަށް ވުރެ ގިނަ ގެ ސުންނާފަތިވި އެެވެ.

ބައެއް ރަށްރަށުން ވަގުތީގޮތުން މީހުން ބާލަން ވެސް ޖެހުނެވެ.

ސުނާމީ އެރި ދުވަހުގެ ހަނދާނުގައި ރާއްޖޭގައި އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2005 ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

މިއަދު މާލޭގެ ތިން ރުށް ޕާކު ސަރަހައްދުން ފެންނަ ސުނާމީ ބިނާގެ ބިންގާ އެޅީ ވެސް އެންމެ ފުރަތަމަ ފާހަގަކުރި އެއްބައި ވަންތަކަމުގެ ދުވަހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އަދުގެ ހާލަތު:

ސުނާމީ ކާރިސާއަށް މިއަދު 15 އަހަރު ފުރުނުއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ސުނާމީ ފަދަ ކާރިސާތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ރާވާފަ އެވެ. ބައެއް ރަށްރަށުގައި ރައްޔިތުން އަރާނެ އުސް ތަންތަންވެސް ހުރީ ތައްޔާރުކޮށްފަ އެވެ.

މިފަދަ ކާރިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޕްރޮގްރާމުތައް ވެސް ވަނީ ގައުމީ ފެންވަރާއި، ރަށު ފެންވަރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހިންގާފަ އެވެ.

ސަލާމަތީ ގޮތުން ރައްޔިތުންނަށް އަންގާ އެންގުންތައް އެންގުމުގައި ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން ރާއްޖެއަށް އަސަރު ކުރާ ފަދަ ސަރަހައްދަކުން ބިންހެލުމެއް އަތުވެއްޖެނަމަ އެއީ ރާއްޖެއަށް އަސަރު ކުރާނެ ބިންހެލުމެއްތޯ ނުވަތަ ސުނަމީގެ އަސަރު ކުރާނެތޯ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މެޓް އޮފީހުން ވަގުތުން އަންގައިލަ އެވެ.

ފަރުދީ ޒިންމާ:

ކޮންމެ ކަމެއްގައި ވެސް ފަރުދީ ޒިންމާއަދާކުރަން ޖެހޭނެ އެވެ. މިހެންކަމުން މިފަދަ ކާރިސާތަކަށް ތައްޔާރުވުމަށް ވެސް ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ފަތަން ދަސްކުރުމެވެ. ދެވަނަ ކަމަކީ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ފޮނުވާ އެލާޓުތަކަށް ސަމާލުކަން ދިނުމެވެ.

ސުނާމީ ފަދަ ކާރިސާއަކާއި ކުރިމަތިވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު އިތުބާރު ހިފޭ ވަސީލަތްތަކުގެ ޒަރިއްޔާއިން އެއްކޮށްފައި ބެހެއްޓުން ވެސް މުހިންމެވެ.

ރައްކާވެތިބިއްޔާ ދަތުރެެވެ!
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް