ads
މަހުމޫދުގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް ހައިކޯޓުގައި މިއަދު
އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ(ސާލިމް)، މައްސަލައިގެ އިތުރު އަޑުއެހުމެއް އަހަރެއްހާ ދުވަސް ފަހުން މިއަދު އަނެއްކާވެސް ބާއްވަން ތާވަލުކޮށްފި އެވެ.

ދަނގެތީގައި އަނިޔާވެރިގޮތަކަށް މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ސާލިމްވަނީ މަހްމޫދު މަރާލިކަމަށް ކުރިން ވެފައިވާ އިއުތިރާފުން ރުޖޫއަވެ، ހައިކޯޓުގައި އޮތް އަޑު އެހުމުގައި އެކަމުން ރުޖޫއަވެފަ އެވެ. 

އެއީ މީގެ އަހަރެއް ކުރި އެވެ. މަހްމޫދު މަރާލިކަން ސާލިމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ކަނޑައަޅައި ނިހާއީ ހުކުމަށް އެ ހުކުމް ހެދުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މީގެ އަހަރެއް ކުރިން، ހައިކޯޓުގައި ވާހަކަ ދައްކަމުން ސާލިމްވަނީ އޭނާގެ ތަރުޖަމާން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ތަހުގީގު މަރުހަލާގައި އަދި ދަށު ކޯޓު މަރުހަލާގައި މަސައްކަތް ކުރި މީހުން ބަދަލު ކުރަން ބޭނުން ކަމަށް ބުނެފަ އެވެ.

ސާލިމް ބުނީ އޭނާ އިއުތިރާފުވީ، އިއުތިރާފުވުމުން ޑީޕޯޓްކޮށްދޭނެ ކަމަށް ތަރުޖަމާން ބުނުމުން ކަމަށެވެ. އަދި އެކަން އޭނާ ނުކުރާ ކަމަށް ޝަރީއަތުގައި އޭނާ ބުންޏެވެ. ތަރުޖަމާނެއް ޝަރީއަތުގައި އިންނަނަމަވެސް ސާލިމް ކޮންމެވެސް ވަރަކަށް ދިވެހިންވެސް ވާހަކަ ދެއްކިއެވެ. ހައިކޯޓުގެ ޝަރީއަތުގައި ތަރުޖަމާނަކަށް ބައިވެރިވީ ތަހުގީގުގައި އަދި ދަށު ކޯޓުގައިވެސް ސާލިމްގެ ތަރުޖަމާނެވެ. އަދި އެ ތަރުޖަމާން ބޭނުންނުވާ ކަމަށް ސާލިމް ބުންޏެވެ.

ސާލިމް ވަނީ ތަހުގީގު މަރުހަލާގައިވެސް އަދި ކޯޓުގެ ހުރިހާ މަރުހަލާއެއްގައިވެސް ދައުވާގައި އެނާއާއި ދެކޮޅަށް ހުރި ހުރިހާ ވާހަކަތަކަށްވެސް އިއުތުރާފްވެފައެވެ. މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އެކަމުގައި ވާރިސުންގެ ބަސް ހޯދި އިރު، ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ކޯޓުގައި ވާހަކަ ދައްކަމުން ސާލިމް ބުނީ އޭނާ އެކަން ކުރީ އޭނާގެ ބޮލަށް ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށާއި، މަހުމޫދްގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ކުށަށް އިއުތިރާފް ވުމުން އަދަބު ކުޑަ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ކްރިމިނަލް ކޯޓުން ސާލިމް ގެ މައްޗަށް މަރަށް މަރުގެ ހުކުމް އިއްވީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް