ads
އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖުން ގުޅާލާނަން: ރައީސް
އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖުން ގުޅައިލާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގައި ބުރިޖުތަކާއި ކޯސްވޭ ތަކުން ގުޅުވާލައިގެން އާބާދު ކުރެވެން ހުރި ހުރިހާތަނެއް އާބާދުކުރުމުގެ އަމަލީ މަސައްކަތް ފަށާ އެކަން ކާމިޔާބު ކުރާނޭކަމުގައެވެ.

އެންމެ ބޮޑު މަސްރޫއަކަށް ވެގެން ދާނީ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއް ބުރިޖަކުން ގުޅުވާލުންކަމަށެވެ. 

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް މިސްރުގެ ކުންފުންޏާ ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް މިފަހުން ވިދާޅުވީ ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު އެ މަޝްރޫއުގެ ސާވޭ ހަދަން އެ ކުންފުންޏާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

ދަ އަރަބް ކޮންޓްރެކްޓާސްއާ އެކު އެމްއޯޔޫގައި ސޮއިކުރަން ނިންމާފައި ވަނީ ސާވޭގެ މަސައްކަތް ތިން މަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށްފަ އެވެ. ނާޒިމް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ބްރިޖް އެޅުމާ ބެހޭ އެއްވެސް މަޝްވަރާއެއް އިތުރު އެއްވެސް ބަޔަކާއެކު ނުކުރުމަށް ވެސް އަންގަން ނިންމާފައިވާ ކަމަށެވެ. 

ބްރިޖާއި ގުޅޭ ސާވޭ އާއި ތަފާތު އެކި ދިރާސާތަކުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ބްރިޖާއި ގުޅޭ އިތުރު މަޝްވަރާތަކެއް އެހެން އެއްވެސް ފަރާތަކާއި ނުކުރަން ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވަނީ ބްރިޖާއި ގުޅިގެން ހަދަންޖެހޭ ތަފާތު އެކި ސްޓަޑީޒްތައް ހެދުމަށް ހޭދަވާނެ ކަމަށް ބެލެވޭ ދެ މިލިއަން ޑޮލަރަކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. ސާވޭ ނިންމުމަށްފަހު ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޓެކްނިކަލް ޕްރޮޕޯސަލްގެ ހަރަދުތަކުގެ ތަފްސީލުތައް ހުށަހަޅަން ވެސް އެ ކުންފުންޏަށް އަންގަން ވަނީ ނިންމާފަ އެވެ.

ރައީސް ޔާމީންގެ 2018ގެ މެނިފެސްޓޯގައި މީދޫ އާއި ހިތަދޫއާ ދެމެދު ބްރިޖް އެޅުމަށް ނިންމާ އެކަން ހިމަނާފައި އޮތެވެ. 2013 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ރައްޔިތުން ދަނީ އެކަމަށް އުންމީދު ކުރަމުންނެވެ. ރައީސް ޔާމީނަށް އިންތިހާބަށް ކުރިމަތި ލެއްވޭ ގޮތް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ވެވަޑައިގެން ވެސް އެ ވައުދު ވަނީ ތަކުރާރު ކުރައްވާފަ އެވެ. 

ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ "ހަފުތާ 14" ގެ ތެރޭގައި ދިރާސާތައް ނިންމައިލެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް