އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި، ބައެއް އެޕްލިކެންޓުންނަށް އިތުރަށް ޕޮއިންޓު ދީފައިވާ ކަމަށާއި ބައެއް މީހުން ދީފައިވާ މައުލޫމާތު ވެސް ފުށުއަރައި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ފްލެޓް ދިން މީހުން އިއުލާންކޮށް ނެރުނު ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަނުކުރެވިވާ ފޯމުގެ ނިސްބަތަކީ %207 ޕަސެންޓްކަމަށެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ %19.7 ކަމަށް އޭސީސީން ބުނެއެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވާލު ކުރުން އޭސީސީން ހުއްޓުވި އެވެ. ދެތީން މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ތަހުގީގަށް ފަހު އޭސީސީން މިހާރު ވަނީ މައްސަލަ ނިންމާފަ އެވެ. އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންކަން ހާމަ ކުރުމަށް މިއަދު ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ.
ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، އެއީ މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތަކެވެ.
މީގެ މިސާލެއް ދެމުން އޭސީސީގެ އޮފިޝަލް ބުނީ މާލޭގައި ދިރިއުޅޭ ކަމަށް ބުނެ ލިޔުން ހުށަހަޅާފައިވާ އެކަކަކީ ރަށު ކައުންސިލުގެ ވަޒީފާގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާއަދާކޮށްފައިވާ މީހެއް ކަމަށް ޕެންޝަން އޮފީހުގެ މައުލޫމާތުން ކަށަވަރުވާ ކަމަށެވެ. ނަމަވެސް މި މީހާއަށް ވެސް މާލޭގައި ދިރިއުޅުމުގެ ޝަރުތު ހަމަވެ ފްލެޓު ލިބިފައިވެ އެވެ.