ads
ސިޔާސީ މަސައްކަތް ކުރަނީ ކާންބޯން ނުލިބިގެނެއް ނޫން: ރޮޒައިނާ
ސިޔާސީ ދާއިރާގައި މަސައްކަތް ކުރަނީ ކާންބޯން ނުލިބިގެން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ނާކަމިޔާބު ވުމާއެކު އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރައްވާ ރޮޒައިނާ މިފަހަރު ކުރިމަތިލެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. މިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒައިނާ ބަލިކޮށް ދާއިރާގެ ޓިކެޓް ކަށަވަރުކުރީ އަހްމަދު ޝަރީފެވެ.

އެކަމާ ގުޅިގެން ރޮޒައިނާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ސިޔާސީ ދާއިރާގައި މަސައްކަތް ކުރަނީ ކުރާހިތުން ކަމަށާއި، އެއީ ކާންބޯން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. 

"އަޅުގަނޑަށް ޓިކެޓް ނުލިބުނީމާ އުފާކުރާ ބޭފުޅުންނަށް ދަންނަވާލަން، އަޅުގަނޑު ސިޔަސީ މަސައްކަތް ކުރަނީ ކުރާހިތުން، ކާންބޯން ނުލިބިގެނެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތްތާގައިވެސް އެމްޑީޕީގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށާއި، ބުނަން ޖެހޭ ހާލަތްތަކުގައި ހައްގު ބަސް ބުނާނެ ކަމަށެވެ. އަދި އެކަން ކުރުމަށް މަޖިލިހުގެ ގޮނޑިއެއް ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައްގު ބަސް ބުނާކަށް ގޮނޑިއެއް ބޭނުމެއް ނުވޭ" ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

މީގެއިތުރުން އަންހެނަކަށް އިންތިހާއަށް ފުރައްސާރަ ކުރުމުން ދޭހަވަނީ ނަފްރަތާއި ރުޅިވެރިކަމުގެ އިތުރުން، އޭނާ ދެކެ ޖެހިލުންވާ މިންވަރު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ ހަޔާތުގައި އެއްވެސް މީހަކާ ޒާތީވެފައި ނުވާނެ ކަމަށާއި، ދެންވެސް ޒާތީ ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ގައި ރޮޒައިނާ ވަނީ 221 ވޯޓް ހޯއްދަވާފައެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަހްމަދު ޝަރީފަށް ލިބިފައި ވަނީ 251 ވޯޓެވެ. ރޮޒައިނާ ބަލިވީ 30 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ކުރިމަތިލި އަހްމަދު ހަމްޒާ ވެސް ވަނީ 206 ވޯޓް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް