ads
ޗިލީގެ ޖަންގަލިތަކުގައި ރޯވެ 112 މީހުން މަރުވެއްޖެ
ޗިލީގެ މެދުތެރޭގައިވާ ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 112 އަށް އަރައިފި އެވެ.
Advertisement

މިހާދިސާގެ އަސަރު ވަރަށް ބޮޑަށް ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރަށް ކުރަމުންދާއިރު އެ ސަރަހައްދުގައި އާންމުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް އަލިފާންގަނޑު ފެތުރި ބައެއް އަވަށްތަކުގައިވާ އިމާރާތްތަކެއް ވަނީ އަނދައި ހުލިވެފަ އެވެ. އަދި ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރުގެ އިތުރުން ކީލްޕުއޭއަށް ވެސް އަލިފާންގަނޑު ވަނީ ފެތުރިފަ އެވެ.

ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރަކީ ގާތްގަނޑަށް މިލިޔަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. ޗިލީގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބުނާއިރު އޭގެ ތެރެއިން ގިނަ ބަަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ އިދާރާތަކުން ބުނެ އެވެ.

ހަމަ އެއާއެކު އެ އިދާރާތަކުން ހުއްޓުމެއްނެތި އަލިފާންގަނޑު ނިއްވައިލާ ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަލިފާންގަނޑުތައް ފެތުރުން ހުއްޓުވައި ނިއްވައިލުމަށް ކުރަމުންދާ މަސައްކަތުގައި ޗިލީގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު މި މަސައްކަތުގައި ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުން ކުރަމުން ދެއެވެ.

މިއީ ފަހުގެ ތާރީހެއްގައި ޗިލީއަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާ ކަމަށާއި އަދި މަރުވެފައިވާ މީހުންގެ ހަނދާނުގައި އޭނާ ވަނީ ގައުމީ ހިތާމައިގެ ދެ ދުވަސް ކަނޑައެޅުއްވުމުގެ އިތުރުން މި ހާދިސާ އަކީ އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމައިގެ ދަނޑިވަޅެއް ކަމަށާއި ތަހައްމުލު ކުރަމުން ދަނީ ބޮޑު މުސީބާތެއް ކަމުގައި އެ ގައުމުގެ ރައީސް ގެބްރިއޭލް ބޯރީކް ވިދާޅުވި އެވެ. 

"ޖަންގަލިތަކާއި ރަށްތަކާއި އަވަށްތަކުގައި 165 ބޮޑު އަލިފާންގަނޑު އަނދަމުންދާ ކަމަށާއި އެ އަލިފާންގަނޑުތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި 14000 އަށްވުރެ ގިނަ ގެދޮރު ވަނީ އަނދައި ހުލިވި" ޗިލީގެ ޖަންގަލިތަކުގައި ރޯވުމުގެ މި ހާދިސާއާއި ގުޅިގެން އެ ގައުމުގެ ދާހިލީ ވަޒީރުގެ ނައިބު މަނުއެލް މޮންސާލްވޭ ވިދާޅުވީ އެވެ.

ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތަކަކީ ޗިލީ އަށް އާކަމަކަށް ނުވި ނަމަވެސް މިފަހަރުގެ މި ހާދިސާއަކީ 2010 ވަނަ އަހަރުގެ ނުރައްކާތެރި ބިންހެލުމަށް ފަހު އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ކާރިސާ ކަން ފާހަގަކުރެވެއެވެ. އެ ބިންހެލުމުގައި 500 މީހުން މަރުވެފައިވެއެވެ.

ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރަކީ ޗިލީގެ އައްސޭރިފަށުގައިވާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ދެ ރަށް ކަން ފާހަގަ ކުރެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް