ރައްޔިތުން މަޖލީހުން ރުހުން ނުދިން 3 ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ފޮނުވައިފިއެވެ.
މަޖިލީހުން ރުހުން ނުދީ ބޭރުކޮށްލީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރުއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވަޒީރު ޝަހީމަށް ރުހުންދިނުމަށް ނެގި ވޯޓްގައި އޭނާއަށް ރުހުން ނުދޭން ފެންނަކަމަށް 31 މެމްބަރުން ވޯޓް ދިނެވެ. ރުހުން ދޭން ފެންނަކަމަށް ވޯޓް ދެއްވީ 30 މެމްބަރުންނެވެ. އެއްވސް ކޮޅަކަށް ވޯޓް ނުދެއްވާ 8 މެމްބަރަކު ތިއްބެވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ހައިދަރަށް ރުހުން ދޭން ނުފެންނަކަމަށް 46 މެމްބަރުން ވޯޓް ދެއްވިއެވެ. އޭނާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓްދިނީ 24 މެމްބަރުންނެވެ.
އުޝާމަށް ރުހުން ނުދޭން 44 މެމްބަރުން ވޯޓް ދެއްވިއެވެ. އޭނާއަށް ރުހުން ދޭން ފެންނަކަމަށް ބުނީ 24 މެމްބަރުންނެވެ.
މި ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ނުލިބުމުން ހަމަ އެދުވަހުގެ ވަގުތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ 3 ބޭފުޅުން އަލުން ވަޒީރުކަމަށް އައްޔަންކުރައްވާފައެވެ.
ރުހުން ދިނުމަށް ބޭއްވި ޖަލްސާ އާ ދިމާކޮށް ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ބުނުމުން ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރު ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާކޮށްފައެވެ.
އަދި މަޖިލީހުގައި ވޯޓަށް އަހާ ގަޑީގައި ޖަލްސާ ބޭއްވިޔަ ނުދީ ސަރުކާރު މެމްބަރުން ހުރަސް އެޅުމުން މަޖިލީހުގެ ތެރޭގައި ވަނީ ހަމަނުޖެހުންވެސް ހިނގާފައެވެ.