ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތ. ދިޔަމިގިލި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާ މިންވަރަކުން އެ މަޝްރޫއު ވެސް ފެށިގެންދާނެ ކަމަށެވެ.
ރައްޔިތުންނަށް ދެއްވާ ޔަގީންކަމަކީ ކޯޒްވޭ މަސައްކަތް ވެސް އަދި އެހެން ތަރައްގީގެ މަޝްރޫއު ވެސް ފެށިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ދަރިނި ބޮޑުވެ ކުންފުނިތަކަށް ދައްކަން ހުރި ލޯނުތައް ގިނަ ވެފައިވުމުން ގިނަ ރަށްތަކުގައި ކުރަން ނިންމާފައިވާ ގިނަ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި އަދި މިދިޔަ ދެ މަހު އެ ހާލަތު އޮތުމުން މަސައްކަތްތައް ނުކުރެވިވާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ބޭނުންވަނީ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ލިބި، އިގްތިސާދީ ގޮތުން ބާރުވެރިކަން ލިބިގެންދިޔުން ކަމަށާއި މިއަހަރު ތެރޭގައި ވެސް ދިޔަމިގިލީ ރަށު ކައުންސިލުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ފަށަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލުން ރަށުގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ތަރުތީބު ކުރުމަށްފަހު އެކަންތައްތައް ހުށަހަޅައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވަނީ ރަށްތަކަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށާއި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.