ads
ތ. އަތޮޅު ރާޑަރުން ކައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭނަން: ރައީސް
ތ. އަތޮޅު ރާޑަރުން ކައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެ އެވެ.
Advertisement

ކަނޑޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ތ. އަތޮޅަކީ ތަރައްގީގައި އެންމެ ކުރީ ސަފުގައި ފުރުސަތު ލިބޭ ތަރައްގީ ވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ހަދައިދޭނެކަމަށެވެ. 

އެ މަނިކުފާނު ވިދާޅުވީ ސަރުކާރެއް ރައްޔިތުން ހޮވަނީ ރައްޔިތުން ބޭނުންވާކަންކަން ކޮށްދިނުމަށް ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށް ދޭނެ ކަމުގައެވެ. 

ސަރުކާރާއި ހަވާލު ވެވަޑައިގެން އިރު ރާއްޖޭގެ އިގްތިސާދު އޮތީ އެއްކޮށް ހަލާކު ކޮށްލާފައި ކަމަށާއި އެކަން ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު އައިއެމްއެފް އިން ނެރުން ބަޔާނުގައި ވެސް މިސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއްކަން ފާހަގަ ކޮށްފައިވާ ކަމަށާއި އެކަންކަމުގެ ނަފާ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިޔަށް އޮތްތަނުގައި ލިބިގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ. 

މިކަންކަން ކުރުމުން ވެސް ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތައް ތަރުތީބު ކުރަމުންދާނޭ ކަމަށާއި ކައުންސިލްތަކުން ވެސް ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކައުންސިލްތަކާއި ކަމާ ބެހޭ ވުޒާރާތަކާ އެކު މަޝްވަރާކޮށްގެން ރަށަށް ބޭނުންވާ މުހިންމު ކަންކަން ތަރުތީބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ހުރިހާ ކަމެއް އެއްފަހަރާ ނުފަށާ ރައްޔިތުން އެންމެ އިސްކަން ދޭން ބޭނުންވާ ކަންކަމަށް ބަލާ ތަރުތީބުކޮށްގެން ރައްޔިތުން އެންމެ އިސްކަން ދޭ މަޝްރޫއެއްގެ މަސައްކަތް މިއަހަރު ފެށުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ތިބި ތެލެސީމިއާގެ ފަރުވާ ހޯދަމުން އަންނަ ކުދިންނަށް ސަރުކާރުން ވަރަށް އިސްކަންދޭނެކަމަށާއި އެ ރަށެއްގެ ނިސްބަތުން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެ ކުދިންނަށް ފަރުވާ ދެވޭނެ ގޮތް ހަދާދޭނެކަމަށާއި އެހެންކަމުން ކަންޑޫދޫގައި ސިއްހީ ހާލަތު ރަނގަޅު ކުރަން ކުރިޔަށް ގެންދަން ޖެހޭ ހެލްތް ސެންޓަރު މަޝްރޫއު ހާއްސަ އިސްކަމެއް ދީގެން އެކަމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ބާރު އަޅުއްވާނޭކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކަންޑޫދޫގައި އަޅާ ހެލްތް ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތާއި އެ ކަމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒިފުންނާ އެކު ގާއިމް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކަންޑޫދޫއަކީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށާއި އެ ކަމުގެ ސަބަބުން މުޅިރާއްޖެއަށް އޭގެ ފައިދާ ކުރާ ކަމަށާއި ދަނޑުބިން ތަކަށް ފެނުގެ ހިދުމަތް ގާއިމު ކޮށްދޭން އެދިފައިވާކަމަށާއި ދަނޑުވެރިކަން ކުރާ ބިން ފުރިފައި އޮތުމުން އިތުރު ބިމެއް ހޯދައިދިނުމަށް ވެސް އެ ރަށުން އެދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ކަނޑޫދޫއަށް ވެސް ފުރުސަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބު ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް