ads
މާލެ--
ބައެއް ގެވެރިން ކުލި ކުޑަކޮށް ނަމޫނާ ދައްކަނީ!
އަބަދުވެސް މާލޭގެ ކުލި މި ސަރަހައްދުގެ ގައުމުތަކަށްވުރެ އަގުބޮޑުކަމުން، ގެދޮރު ކުއްޔަށް ދޫކުރާ މީހުންނަށް އެކަމުގެ ނުރުހުން އަމާޒުވެ އެވެ. ހާއްސަކޮށް މި ދަނޑިވަޅަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު އެތައް ބައެއްގެ މުސާރައަށް އެކަމުގެ އަސަރުކުރަމުން އަންނަ ވަގުތެކެވެ. ރިސޯޓުތަކާއި އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

މިދަނޑިވަޅުގައި މާލޭގައި ދިިރިއުޅޭ ރައްޔިތުން އެއް އަޑަކުން ގޮވަމުން އަންނަނީ ގެދޮރު އިމާރާތްކުރަމުން އަންނަ މީހުންނަށް ލުއެއް ލިބޭނަމަ، އެމީހުން އިމާރާތްކުރާ ތަންތަނުގައި އުޅޭ މީހުންނަށް ވެސް އެވަރުގެ ލުއެއް ދޭންޖެހޭނެ ކަމެވެ. އެގޮތުން މާލޭގެ އެޕާޓްމަންޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާ މިދަނޑިވަޅުގައި ބައެއް ގެދޮރުވެރިން އަންނަނީ އަމިއްލައަށް އިސްވެ، ގެތަކުގެ ކުލި ކުޑަކޮށް ކުއްޔަށް އުޅޭ މީހުންނަށް އަންގަމުންނެވެ. 

މިފަދަ ގޮތަކަށް މިމަހުގެ 28 ގައި މާލޭގެ ގެއަކުން އެގޭގައި ދިރިއުޅޭ މީހުންނަށް އެންގި އެންގުމެއްގައިވާ ގޮތުން ކުރިއަށް އޮތް ހަތަރު މަހަށް، އެގޭގެ ހުރިހާ އެޕާޓްމަންޓެއްގެ މަހު ކުލިން 3000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އަދި މި ނިންމުމަކީ މިވަގުތު ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ވެސް އެންގުމުގައިވެ އެވެ. 

އެ ގޭގެ އިތުރުން ވެސް ބައެއް ގޭގޭގެ ކުލި ކުޑަކޮށްދީފައިވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. މިދަނޑިވަޅުގައި އިންސާނިއްޔަތުކަން އިސްކޮށް ބައެއް ގޭގޭވެރިން މި ދައްކަމުން އަންނަ ނަމޫނާއަށް ތައުރީފް ހައްގެވެ. 

ނަމަވެސް މިދަނޑިވަޅުގައި ވެސް އަމިއްލަ ފައިދާއަށް އުޅޭ ގެވެރިން ވަކި މަދެއް ވެސް ނޫނެވެ. އެ މީހުން ނަގާފައި އޮތް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދީފައިވީ ނަމަވެސް ކުލި ކުޑަކުރަން ނުޖެހޭ ކަމަށް ވެސް މިވެރިން ގަބޫލުކުރެ އެވެ. އެގޮތުގެ މަތިން ކުރިއެކޭ އެއްގޮތަށް ދަނީ ގޭގެ ކުލި ނަގަމުންނެވެ. 

މިހެންވެ، ގިނަ ބަޔަކު މިވަގުތު ކުރާ އުއްމީދަކީ ސަރުކާރުން މިކަމަށް ހައްލެއް ގެނެސްދިނުމެވެ. މާލޭގެ ކުލި ބޮޑުކަން ގަބޫލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ގޭގެ ކުލި ކޮންޓްރޯލްކުރަން މިވަގުތު އަދި ޕްލޭނެއް ނެތްނަމަވެސް އެކަމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މިހެންކަމުން، ދެން އިންތިޒާރުކުރެވެނީ މިކަމާއި މެދު ގޮތެއް ކަނޑައަޅާ، އާންމުންނަށް މި އުފާވެރި ހަބަރު އިއުލާންކުރައްވާނެ ދުވަހަކަށެވެ. 

56%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް